ކ. މާލެ
|
5 ޑިސެންބަރ 2020 | ހޮނިހިރު 08:38
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ސަން އޮންލައިން
އެމްއެމްއޭ އިކޮނޮމިކް އަޕްޑޭޓް
ދެ ވަނަ ކުއާޓަރ ނިމުނުއިރު ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 98.9 އިންސައްތައަށް
ގެރެންޓީޑް ޑެޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ ދެވަނަ ކުއާޓަރ ނިމުނު އިރު 57.3 ބިލިއަން ރުފިޔާއަށް އަރާފައި
ދައުލަތުގެ ދަރަނި އިތުރުވެފައި ވަނީ ޑޮމެސްޓިކް ޑެޓް އިތުރުވުމުގެ ސަބަބުން
ޖެނުއަރީ މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ވަނީ 39 އިންސައްތަ ދަށްވެފައި

މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ދައުލަތުގެ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 98.9 އިންސައްތަ އަށް އިތުރުވެފައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ނޮވެމްބަރ މަހުގެ އިކޮނޮމިކް އަޕްޑޭޓް ދައްކާގޮތުން، ގެރެންޓީޑް ޑެޓް ނުލައި، ދައުލަތުގެ ދަރަނި ވަނީ ދެވަނަ ކުއާޓަރ ނިމުނު އިރު 57.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާބަލާއިރު، ތިން އިންސައްތައިގެ އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނި އިތުރުވެފައި ވަނީ ޑޮމެސްޓިކް ޑެޓް އިތުރުވުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިއަހަރުގެ ސެޕްޓެމްބަރ މަހު ދައުލަތަށް ގްރާންޓް ނުލައި ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހު ލިބުނު އާމްދަނީ އަށް ވުރެ 828.5 މިލިއަން ރުފިޔާ މަދުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މިއީ 48 އިންސައްތައިގެ ދަށްވުމެކެވެ. ދައުލަތުގެ އާމްދަނީ މިހާބޮޑުތަނުން ދަށަށް ގޮސްފައި ވަނީ ޓެކްސް ރެވެނިއު އަދި ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް ލިބެމުންދިޔަ އާމްދަނީ ދަށްވުމާއި ގުޅިގެން ކަމަށް އެމްއެމްއޭއިން ފާހަގަކުރާއިރު، މި މުއްދަތުގައި ދައުލަތަށް ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ 552.7 މިލިއަން ރުފިޔާ ދަށްވެފައިވެއެވެ. ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 275.9 މިލިއަން ރުފިޔާ ދަށްވެފައެވެ.

ހަމައެއާއިއެކު ދައުލަތުގެ ހަރަދު ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު 27 އިންސައްތަ ދަށްކުރެވިފައިވާއިރު، މިއީ 838.7 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި ދައުލަތުގެ ހަރަދު ދަށްވެފައި ވަނީ ރިކަރެންޓް އެކްސްޕެންޑިޗަރ ބޮޑުތަނުން ދަށްވުމާއި ގުޅިގެންނެވެ. އެގޮތުން ރިކަރެންޓް އެކްސްޕެންޑިޗަރ 675.8 މިލިއަން ރުފިޔާ ދަށްކުރެވިފައިވާއިރު، ކެޕިޓަލް އެކްސްޕެންޑިޗަރ އިން ދަށްކުރެވިފައި ވަނީ 162.8 މިލިއަން ރުފިޔާއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ 39 އިންސައްތަ ދަށްވެފައިވާއިރު، ދައުލަތުގެ ހަރަދުން ދަށްވެފައި ވަނީ އެއް އިންސައްތައެވެ.

- ކޮމެންޓް