އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކަރަންޓީން ވާން ނުޖެހޭ ގޮތަަށް ރަށްރަށަށް ދިއުމާ ގުޅޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާއުސޫލުގައި ވަނީ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާއިރު، އަމަލު ކުރަންޖެހޭ ގޮތްތަކެވެ. އެގޮތުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް 5 ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށްރަށަށް ދާ މީހުން 7 ދާއިރާއަކަށް ވަނީ ބަހާލާފައެވެ.
- ކޭބަލް އަދި މީޑިއާ ނެޓް ޚިދުމަތް
- ބޭންކުގެ ޚިދުމަތް
- ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް
- ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ކަންކަން ބެލުމާއި، ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް
- މެއިންޓެނެންސް މަސައްކަތްތައް
- ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް
- އާންމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް
މިގޮތަށް ދަތުރު ކުރުމުގެ ހުއްދައަށް އެދޭއިރު ފުރިހަމަވާން ޖެހޭ ކަންކަމުގެ ތެރޭގައި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ރިޕޯޓެއް އޮތުން ހިމެނެއެވެ. އަދި ޕީސީއާރް ޓެސްޓަށް ޚަރަދު ކުރާނީ އެމީހަކު ނުވަތަ ދަތުރުގައި ބައިވެރިވާ މީހުންނަށް ޒިންމާވާ ކުންފުނި ނުވަތަ އޮފީހުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، މި އުސޫލުގެ ދަށުން ރަށްރަށަށް ދާ ފަރާތްތަކާއި، އެ ފަރާތްތަކަށް ޒިންމާވާ ކުންފުނި ނުވަތަ މުއައްސަސާތަކުން އަދާ ކުރަންޖެހޭ ޒިންމާތައްވެސް އުސޫލުގައި ތަފްސީލުކޮށް ބަޔާން ކޮށްފައިވެއެވެ.
އެކި މަޝްރޫއުތަކާ ގުޅިގެން 5 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދާ މީހުން ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅައި އެކަން އިއުލާން ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 (ދިހައެއް) ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި މުއްދަތަށް ފަހު ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.