ލަންކާ ކައިރިން އުފެދުނު ތޫފާން ބުރެވީގެ ބާރު ދަށްވެ ކޮޅިގަނޑަކަށް މިހާރު ބަދަލުވެފައިވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ތޫފާނުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މެޓް އޮފީހުން ބުނެފައިވަނީ ބުރެވި ތޫފާންގެ ބާރު ދަށްވެ، މިހާރު ބާރުގަދަ ކޮޅިގަނޑަކަަށް ބަދަލުވެފައި ކަމަށާއި، ތޫފާން ހުރީ އިންޑިޔާގެ ކަންޔާކުމާރީގެ އިރުއިރުއުތުރުން 200 އެއްހާ ކިލޯމީޓަރު ދުރުގައި ކަމަށެވެ.
މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ތޫފާނުގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދުގައި މޫސުން ގޯސް ކަމަށާއި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެކަމަށް ބެލެވޭ ކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހުކުރު ދުވަހުގެ ރޭގެ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓާއި ދެމެދު ހުންނާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.