ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެކި ޙުކުމްތަކާ ގުޅިގެން ފަނޑިޔާރުންނަށް 60 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ކުރީގެ ނައިބްރައީސް އަހުމަދު އަދީބު ވިދާޅުވިކަން ހާމަވެއްޖެއެވެ.
އެކަން ހާމާވެފައިވަނީ އަދީބާއި ދައުލަތާ ދެމެދު ވެވިފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން ތަހުޤީޤަށް ދީފައިވާ ބަޔާނުންނެވެ. އެގޮތުން މި ބަޔާނުގައި އަދީބު ބުނެފައިވަނީ، 2015 ވަނަ އަހަރު ސިޔާސީ މައްސަލަަތައް ކޯޓުތަކުން ބަލަން ފެށިއިރު އަދީބާއި ފަނޑިޔާރުންނާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި މުހިއްމު މައްސަލަތައް ބަލަން ފެށުމުން އެކަމުގައި އުޅުއްވާ ފަނޑިޔާރުންނާވެސް ބައްދަލުވުންތައް ބާއްވަން ފެށުނުކަން އަދީބު ފާހަގަ ކުރެއްވިއެވެ.
މިފްކޯ މަސްފިހާރަ ބިއްދޮށު ހަދާފައިވާ ގަރާޖް: ފަނޑިޔާރުންގެ މީޓިންގ ޕޮއިންޓް
އަދީބު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އާންމުކޮށް ވަޑައިގަންނަވަނީ މިފްކޯ މަސްފިހާރަ ބިއްދޮށުގައި ހަދާފައި ހުންނަ އަދީބުގެ ގަރާޖަކަށެވެ. ޝަޓަރ ހަރުކޮށްފައި ހުންނަ މި ގަރާޖަށް ފަނޑިޔާރުންނާއި އަދީބު ކާރުކޮޅުގައި ވަޑައިގަތުމުން ޝަޓަރ ތިރި ކުރުމަށްފަހު މުޙައްމަދު ހުސައިން (އޮއިއްޓޭ) ބޭރުގައި މަޑުކޮށްގެން ހުންނަ ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދީބު ފާހަގަ ކުރެއްވި ގޮތުގައި ގަރާޖުގައި އެންމެ ގިނައިން ބައްދަލު ކުރެއްވި އެއް ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުއެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ އިތުރުން، ޖުވެނައިލް ކޯޓުގެ ގާޒީ ބާރީއާވެސް ބައްދަލު ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް އަދީބު ވިދާޅުވެއެވެ.
އޭގެ އިތުރުން، އެ ދުވަސްވަރު ހިނގަމުންދިޔަ އެކި ޝަރީއަތްތަކާ ގުޅިގެން ފަނޑިޔާރުންނަށް 60 މިލިއަން ރުފިޔާ ދެއްވާފައިވާނެ ކަމަށް އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތުން މި ހުރިހާ ފައިސާއެއްވެސް ޙަވާލު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނުގެ ޅިޔަނެއް ކަމަށްވާ މުޙައްމަދު މަނިކު (އެއްލައިދޫ މަނިކު) އާ ކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، އެ ފައިސާއަކީ ސީދާ ފަނޑިޔާރުންނަށް ދިނުމަށް ޙަވާލު ކުރެވޭ ފައިސާކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި މުއާމަލާތްތައް އޭރު ހިނގަނީ ނަސަންދުރަ ތެރޭގައި ކަމަށް އަދީބު ވިދާޅުވެއެވެ.
އަދީބު ވިދާޅުވެފައިވަނީ، ސިޔާސީ ފަރާތްތަކަށް ޙުކުމް ކުރުމަށް ކުރެވުނު ޚަރަދުތަކުގެ އިތުރުން، ޖުޑީޝަރީއަށް 20 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ފައިސާއަކީ ޖުޑީޝަރީގެ އެކި ފަރާތްތަކަށް ދެވުނު ފްލެޓުތަކުގެ ޑައުންޕޭމަންޓު ފައިސާކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، އެ ފައިސާ ޙަވާލު ކުރައްވަނީ ރައީސް ޔާމީނާ ކަމަށެވެ. އަދި އެ ފައިސާއަކީ "ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް" ފަނޑިޔާރުންނަށް ދެއްވާ ފައިސާ ކަމަށް ރައީސް ޔާމީނު ވިދާޅުވިކަންވެސް އަދީބު ފާހަގަ ކުރައްވާފައިވެއެވެ.
އަދީބު ވިދާޅުވާ ގޮތުގައި އޭރު އެކި ފަނޑިޔާރުންގެ ދަތުރުފަތުރުގެ ޚަރަދާއި، ޖުޑީޝަރީގައި އުޅޭ މީހުންނަށް "ހަދިޔާގެ ގޮތުގައި" އެމްއެމްޕީއާރްސީގެ ފައިސާއިން ޚަރަދު ކޮށްފައިވެއެވެ.