މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ހުރި ކަންކަން ތަންފީޒުކޮށް، އެކަމާ ގުޅޭ ޒަމާނީ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ޖާރނީއިން ބުނެފިއެވެ.
ޖާރނީގެ އަހަރީ ދުވަހާ ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެ އެންޖީއޯގެ އިންޓަރނޭޝަނަލީ ސަރޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް މާސްޓަރ ޓްރެއިނަރ އަލީ އަދީބް ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކާތެރިކަން މުޖުތަމައުން ނައްތާލުމަށް މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޙާލަތު ވަޒަން ނުކުރެވުން ކަމަށެވެ. އެގޮތުން އެންމެ ފަހުން ރާއްޖޭގެ ޙާލަތާ ގުޅޭ ފުރިހަމަ ރިޕޯޓެއް އެކުލަވާލެވުނީ 2011 ވަނަ އަހަރުކަން ފާހަގަކޮށް އަދީބް ވިދާޅުވީ، އޭގެ ފަހުން 10 އަހަރު ވެގެން އައިއިރު ރާއްޖޭގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
އަދީބް ވިދާޅުވީ، މިހާރު މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާތަކާއި، ބޭނުންކުރާ ބާވަތްތަކަށް ބަލާއިރު މިހާރު ރާއްޖެއަށް އައިސްފައިވާ ބަދަލުތައް ދެނެނުގަނެ، އެކަމުން އަރައިގަތުމަށް ކުރާ މަސައްކަތް އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ޤާއިމު ކުރާ ސިޔާސަތުތައްވެސް އެންމެ ފުރިހަމައަށް ޤާއިމުކުރެވޭނީ ރާއްޖޭގެ ޙާލަތު ދެނެގަތުމަށްފަހުކަން އަދީބް ފާހަގަ ކުރެއްވިއެވެ.
އެންމެ ބޮޑު ލޫޕްހޯލްއަކީ އެއީ އަސްލު، އެކަން އެނގިފައި ސަރުކާރުން އެކުލަވާލަން ޖެހޭނީ އެކަމަށް ބިނާކޮށް ޕޮލިސީއެއް، އެ ޕޮލިސީއަށް އަސްލު ރާއްޖޭގެ ހުރިހާ ތަނަކުންވެސް ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ކުރަންޖެހޭނީ، އެހެން ނޫނީ އެކަމެއް ނުވާނެ،ޖާރނީ އެންޖީއޯގެ ގްލޯބަލް މާސްޓަރ ޓްރެއިނަރ އަލީ އަދީބް
އަދީބް ވިދާޅުވީ، މަސްތުވާތަކެތީގެ އަވައިގައި ޖެހޭ މީހުންނަށް މިހާރު ރާއްޖެއިން ދެނީ އެންމެ އެކަށީގެންވާ ފަރުވާއެއް ނޫން ކަމެވެ.
ޖާރނީއަކީ މަސްތުވާތަކެއްޗާ ގުޅޭ ފަރުވާ ދިނުމާއި، ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެކި މިންވަރުގައި ފޯރުކޮށްދޭ އެންޖީއޯއެކެވެ. އެގޮތުން ރިސަރޗް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމެއްގެ ދަށުން އަތޮޅު ތެރޭގެ ރަށްރަށުގެ މަސްތުވާތަކެތީގެ ޙާލަތު ދެނެގަނެ، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.
އޭގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މިއަދާ ހަމައަށްވެސް ތަންފީޒު ކުރެވިފައި ނުވުމުގެ ކަންބޮޑުވުންވެސް ޖާރނީން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން އަދީބް ވިދާޅުވީ، ނޭޝަނަލް ޑްރަގް އޭޖެންސީން ޑްރަގް ކޯޓަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން ޖެހޭއިރު، މިއަދާ ހަމައަށްވެސް އެފަދަ ކޮމިޓީއެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ވަކި ސެންޓަރުތަކެއް ޤާއިމު ކުރުމާއި، ރިމާންޑް ސެންޓަރުތަކެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް އަދިވެސް ކޮށްފައިނުވާކަން އަދީބް ފާހަގަ ކުރެއްވި އެވެ.
ރިމާންޑް ސެންޓަރެއް އިންނަންޖެހޭ، މިއިން އެއްވެސް ކަމެއް ނެތް، މިސާލަކަށް އާންމުކޮށް މި ފެންނަނީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުއްޖާ މަސްތުވާތަކެތި ބޭނުން ކޮށްގެން ބެލެނިވެރިން ގުޅީ، ނުވަތަ ވައްކަން ކޮށްގެން މަގުމަތިން ހައްޔަރު ކުރީ، އެހިސާބުން ފުލުހުން ޗެކް ކުރާއިރު އެ ކުއްޖާގެ ޔޫރިން ޕޮޒިޓިވް، އޭނާއަކީ އެތައް ފަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ގެނެސްފައި ހުރި މީހެއް، އެއްކަލަ ރިމާންްޑް ސެންޓަރެއް ނެތީމާ ފުލުހުންނަށް މި ޖެހެނީ އޭނާ މުޖުތަމައަށް އަލުން ދޫކޮށްލަން، އެހެންވީމާ މީގެ ޒިންމާ ވަރަށް ބޮޑުޖާރނީ އެންޖީއޯގެ ގްލޯބަލް މާސްޓަރ ޓްރެއިނަރ އަލީ އަދީބް
ޤާނޫނު ބުނާގޮތުން މިކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅަން ޖެހެނީ ނޭޝަނަލް ޑުރަގު ކޮންޓުރޯލް ކައުންސިލް (އެންޑީސީސީން) ނެވެ. އެއަށްފަހު ރައީސް އެ ސިޔާސަތުތައް ފާސް ކުރެއްވުމުން އެކަން ތަންފީޒު ކުރަން ޖެހެނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑުންނެވެ.
އަދި އެއަށްފަހު ހިންގަން ޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެންޑީއޭއިންނެވެ. އެހެން ނަމަވެސް، އެހައި ފުރިހަމަ ޤާނޫނެއްގެ ދަށުން އެކުލަވާލަން ޖެހޭ ޒަމާނީ ސިޔާސަތުތަކެއް އެކުލަވާލެވިފައި ނުވުމުގެ ސަބަބުން އެކަމުން ދުރުހެލިވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ވަނީ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.