ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބާއްވާ ދެވަނަ ޕްރޮގްރާމް ޑިސެމްބަރު މަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ، "އާސްކް ސްޕީކަރ" ނަމުގައި ބާއްވާ މި ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެރޭ 09:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ. އަދި މި ޕްރޮގްރާމް ރާއްޖޭގެ ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެންނަން ހުންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމްގައި ރައްޔިތުން ފޮނުވާ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ. އެގޮތުން ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ފޯނުން ވީޑިއޯ ކޮށްގެންނާއި، އެސްއެމްއެސް މެދުވެރިކޮށްވެސް ސުވާލު ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އޭގެ އިތުރުން، ލައިވްކޮށް ޕްރޮގްރާމްގައި ސުވާލު ކުރަން ބޭނުންވާނަމަ، ސުވާލު ކުރާ ފަރާތުގެ ނަމާއި، ކުރަން ބޭނުންވާ ސުވާލު 7 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަޖިލިސް އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566ށް ފޮނުވުމުން ނަން ނޯޓު ކުރެވިގެންދާނެއެވެ.
އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ފޮނުވާނަމަ ހޭޝްޓެގް ޖެހުމަށްފަހު އާސްކް ސްޕީކަރ (AskSpeaker#) ޖަހަން ޖެހެއެވެ.
މަޖިލީހުގެ އިދާރާއިން އަންނަނީ މަޖިލީހުގައި ހިނގާ ކަންކަން ޢާންމުންނާ ހިސާބަށް ފޯރުކޮށްދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން މީގެކުރިން ކޮންމެ ހަފުތާއަކު މަޖިލީހުގެ އަމީން ޢާންމު މީޑިޔާތަކާއި ބައްދަލުކުރައްވާ މަޖިލީހުގެ އިދާރާގައި ހިނގާ ކަންކަމުގެ މަޢުމާތު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އަދި މަޖިލީހުގެ ރައީސް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާފަ އެވެ.