ވަރލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފެރިސް ހަދާދް ޖަވަރސް އަދި އެ ޖަމުޢިއްޔާގެ ކަންޓްރީ މެނޭޖަރ ޗިޔޯ ކަންޑާއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ބައްދަލު ކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެ އަހަރު ދުވަސް ފުރިހަމަ ކުރެއްވުމާއި ގުޅިގެން އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ދެއަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން އަންހެނުން ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ކުރުމާއި، ޑިމޮކްރަސީއާއި، އިޖްތިމާޢީ އަދި ސިޔާސީ ހައްޤުތައް ހޯދަދިނުމުގެ ރޮނގުން ހޯދާފައިވާ ކުރިއެރުންވެސް ފާހަގަ ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ވަރލްޑް ބޭންކުން ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއިއެކު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ޖަމުޢިއްޔާގެ އެހީގައި އެ މުއްދަތުގައި ދިވެހިރާއްޖޭގައި 295 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރެވި، 32 މަޝްރޫޢެއް ހިންގިފައިވާކަން ފާހަގަ ކުރައްވައި، މިހާރުވެސް ވަރލްޑް ބޭންކުގެ އެހީގައި ޕަބްލިކް ފައިނޭންސާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކެޕޭސިޓީ އިތުރުކުރުމާއި، ތަޢުލީމީ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއި، މީހުން ބިނާކުރުމަށް ދެއްވާފައިވާ ޙާއްޞަ އަހައްމިއްޔަތު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
އޭގެ އިތުރުން، ކޮވިޑް-19ގެ މި ޙާލަތުގައި އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ވަރލްޑް ބޭންކް ހިމެނޭކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިކަން ހޯދުމާއި، ދިވެހިރާއްޖެއަށް އެއިރެއްގައި ބޭނުންޖެހިފައިވާ މަޝްރޫޢުތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ވަނީ ވާރލްޑް ބޭންކަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަރލްޑް ބޭންކުގެ ވަފުދުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މިހާރުން މިހާރަށް ބޭނުންވާ މެކްރޯ-ފިސްކަލް ބަދަލުތައް ގެނައުމުގެ އިތުރުން އިޤްތިޞާދު ހަރުދަނާކޮށް، ކޯވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. އަދި، ސަރުކާރުގެ ދެ އަހަރު ދުވަހުގެ ކާމިޔާބު މަސައްކަތުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ބާރުވެރިކުރުވުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކާމިޔާބީއަށް އެދޭކަމުގައި އެވަފުދުން ފާހަގަކުރެއްވިއެވެ.