އިބްތިހާލް މަރާލި މައްސަލަައިގައި ދައުވާ އުފުލާފައި ބަންދުގައި ބަހައްޓާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މެންދުރު 14:00 އަށެވެ.
ޙުކުމުގެ މަރުޙަލާއަށް ގޮސްފައިވާ މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
މި މައްސަލައިގެ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވާ އިތުރު ބައެއް ކަންކަމަށް ބަލާއިރު، ދައުލަތުން ވަނީ މި މައްސަލައިގެ މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި އާފިޔާ ކުށަށް އިއުތިރާފު ވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފް (ޖުޑީޝަލް ކޮންފެޝަން) އަކަށްވާއިރު، ޤާނޫނީ ހަމަތަކުން ބަލާއިރު، މި އިއުތިރާފުން ރުޖޫއަ ވެވިދާނެ ކަމަށް ޤަބޫލު ނުކުރާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އާފިޔާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކަށްބަލާއިރު، އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ 2 ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމުމަށް ދައުލަތުން ވަނީ އެދިފައެވެ.
އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ޖިނާއީ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން އެއް ފަހަރު މުރާޖަޢާ ކުރަން ޖެހެއެވެ.