މާލެއިން ފުރައިގެންދާ މީހާ ފަސޭހައިން ރަށަށް ދާން ބޭނުންވާއިރު، އަތޮޅުތެރޭގެ މީހުންގެ ޙައްޤުތަކެއްވެސް ވާ ކަމަށް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ، ދިރާސާތަކާއި، ކޮވިޑު ކޮންޓްރޯލް ކުރެވިފައިވާ ޤައުމުތަކަށް ބަލާއިރުވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު ކުޑަކުރުމުން ކޮވިޑުގެ ނުރައްކާ އޮންނަ މިންވަރުވެސް އިތުރުވާކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، ރަށެއްގައި ބަލި ފެތުރި ބަލީގެ އައުޓްބްރޭކެއް އައިސްފިނަމަ މާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހުރި ޙާލަތު، މިގޮތަށް ދާ އައުޓްބްރޭކެއް ޑިޓެކްޓް ނުވެ ދާއިރު، އަޅުގަނޑުމެން ބަލަނީ ފަރުވާ ދެވޭނެ ފެންވަރު ނެތް ކަަމަށް، އެހެންވީމާ ވަރަށް ބޮޑަށް އަޅުގަނޑުމެން އަތޮޅު ތެރެ ރައްކާތެރި ކުރަން ޖެހޭ، މާލޭގައި ގިނަ ދުވަސްވީމާ މާލެއިން ދާ ބޭފުޅުން ބޭނުންވެދާނެ ފަސޭހައިން ރަށަށް ދާން، އެކަމަކު އަތޮޅު ތެރޭ މީހުންގެވެސް ޙައްޤުތަކެއް އެބަ އޮތް ދެއްތޯޑރ ނަޒްލާ މުސްތަފާ
ޑރ ނަޒްލާ ވިދާޅުވީ، އަތޮޅު ތެރޭގެ ސިއްޙީ ނިޒާމުގެ ޙާލަތަށް ބަލާއިރު، އަތޮޅު ތެރެއަށް މިވަގުތު ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން މިވަގުތު ކޮވިޑު ނޫން ބަލިތަކުގެ ފަރުވާވެސް ދެވެނީ "ހަމަ ކިރިޔާ" ކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ މުސްތަފާ ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ކަނޑައެޅުމުގައި ދިވެހިންނާއި ބޭރު މީހުން ތަފާތުކުރާ ކަމަށް ދެކެވޭ ވާހަކައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޑރ ނަޒްލާ ވިދާޅުވީ، ދިވެހިން ކަރަންޓީން ނުވެ ދާނަމަ، އާއިލާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ފަދަ ކަންކަމުގެ ތެރެއިން އާއިލާގައި ތިބޭ "ހައި ރިސްކް" މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، 14 ދުވަހުގެ ކަރަންޓީން މުއްދަތަކީ އަތޮޅު ތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
މާލެސިޓީގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށްވާތީ މާލެއިން ފުރައިގެން އަތޮޅުތެރޭގެ ރަށަކަށް ދާނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ.