ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ކޮންމެ ނަމެއްގައި ކުރި ނަމަވެސް އަނިޔާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ވަނީ އެ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޔުމްނާ ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ، ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން މީހަކަށް އަނިޔާއެއް ދިނުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ، މުޖުތަމައުންނާއި، އާއިލާއިން ވެސް އަދި ވަކި ފަރުދުންވެސް މިކަންކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ޝައްކެއް ވާ ކަމުގައި ވާ ނަމަވެސް އެކަމުން ދުރުހެލިވެ އެކަމެއް ރިޕޯޓް ކުރަން ޔުމްނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޔުމްނާގެ ވާހަކައިގައި ވަނީ އަދިވެސް މުޖުތަމައުގައި ބައެއް ފަހަރު އެފަދަ ކަންކަމުގައި ހޭލުންތެރިކަން ކުޑަކަން ފާހަގަ ކުރައްވާފައެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް ސަބަބަކާ ހުރެ، ޖިންސީ ގޮތުން ވިޔަސް ޖިސްމާނީ ގޮތުން ވިޔަސް އަދި ނަފްސާނީ ގޮތުން ވިޔަސް އަނިޔާއަކީ ކޮންމެ ނަމެއްގައި ކުރި ކަމެއް ކަމަށް ވިޔަސް ކުށެއްކަން، އަޅުގަނޑުމެން އެޔެއް ބަލައެއް ނުގަންނާނަން، އެއާއެކު ކޮންމެ ފަދަ ނަމެއްގައި ވިޔަސް އެއީ ބަލައިގަނެވޭނެ ކަންކަމަށް ނުވާހިނދު އަޅުގަނޑު އެދެނީ މިފަދަ ކަންކަން މުޖުތަމައުންވެސް އާއިލާއިން ވެސް އަދި ވަކި ފަރުދުންވެސް މިކަންކަމަށް ސަމާލުވާން،ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ
މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާވެސް ހިމެނޭ ކަމަށް އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަންވެސް އަންހެން މީހާއާއި އޭނާގެ އާއިލާއާ ޙަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށްވެސް އެ އާއިލާއިން ތުހުމަތު ކުރެއެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް ބަލަން ފަށާފައިވާއިރު، ޖެންޑަރ މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކޮށް ކޮމިޓީން ވަނީ މައުލޫމާތު ސާފު ކޮށްފައެވެ. އަދި މި މައްސަލައިގެ ނާޒުކު ކަމާއި، މިއީ ކުޑަކުދިންނާއި ގުޅޭ ޙައްސާސް މައްސަލަ އަކަށްވުމުން، ކަމާއި ގުޅުންހުރި އިދާރާތަކަށް ކޮމިޓީއަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ ބައްދަލުވުން ސިއްރު ކުރުމުންކަމަށް ވުމާއެކު، ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.