އަނިޔާއިން މިންޖުވެފައިވާ އަބުރުވެރި ދިރިއުޅުމެއް އަންހެން ކަނބަލުންނަށް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
އެގޮތުން "އޮރެންޖް ދި ވާރލްޑް" ނަމުގައި ކުރިއަށްގެންދާ 16 ދުވަހުގެ ޙަރަކާތް ފެށުން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ހުރިހާ އަންހެން ކަނބަލުންނަށްވެސް އަނިޔާއިން މިންޖުވެފައިވާ އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތް ދެގުނައަށް އިތުރުކުރަން ޖެހޭ ކަމަށެވެ.
އޮރެންޖް ދި ވާރލްޑް އަކީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކުރިޔަށްގެންދާ 16 ދުވަހުގެ އެކްޓިވިޒަމް ޙަރަކާތެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 25 އިން ޑިސެންބަރު މަހުގެ 10 އަށް މި ކެމްޕޭން ކުރިއަށް ގެންދެއެވެ. 2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ކެމްޕެއިން ދަނީ ފާހާގަކުރަމުންނެވެ.