ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އަށް މާލެ ސަރަހައްދުން އިތުރު 45 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
މި 24 ގަޑިއިރު ތެރޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން މީހަކު ޕޮޒިޓިވްވެފައި ނުވެއެވެ. ނަމަވެސް ރިސޯޓްތަކުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން އެއްވެސް ރަށަކުން އަދި އުޅަނދަކުންވެސް މީހަކު ޕޮޒިޓިވްވެފައި ނުވެއެވެ. އަންގާރަ ދުވަހު ޕޮޒިޓިވްވި 52 މީހުންނާއެކު ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 12،810 އަށް އަރާފައެވެ.
ނިމިގެންދިޔަ 24 ގަޑިއިރު ރާއްޖެއިން ބަލިން ރަނގަޅުވީ 45 މީހުންނެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 11،660 އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1097 މީހަކު ތިބިއިރު މީގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ 95 މީހުން ހިމެނެއެވެ. ނިމިގެން ދިޔަ 24 ގަޑިއިރު އިތުރު 3 މިހަކަށް އަލަށް އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި 1851 ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވެއެވެ. މިއާއެކު ރާއްޖޭގައި 234،712 ސާމްޕަލް ނަގާ ވަނީ ޓެސްޓް ކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް މި ބަލީގައި 46 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 14 ރަށެއްގައި އެކްޓިވް ކޭސްތައް ހިމެނެއެވެ. ކޮންމެ ރަށެއްގައި އެއް އެކްޓިވް ކޭސް ހިމެނޭ އިރު މީގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 7 ބިދޭސީންނެވެ. އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެއްވެސް ފެސިލިޓީއެއްގައި މީހަކަށް ފަރުވާ ދެމުން ނުދެއެވެ.
ރިސޯޓްތަކުގެ ތެރެއިން 32 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. ރިސޯޓްތަކުގައި 298 ކޭސް ހިމެނެއެވެ.