ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވަންސް 11,000 އަށް ވުރެ ގިނަ މީހުންނަށް ދީފި އެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ސަރުކާރުން ވަނީ ނޮވެމްބަރ 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 11,072 ފަރާތަކަށް 129.2 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މި އެލަވަންސް މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާ އެވެ.
މި އެލަވަންސް ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މަރޗް 1 ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ލިބޭނެ ކަމަށް ފިނޭންސްއިން ބުންޏެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
ފިނޭންސްއިން ވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ ކަމަށް ވެސް ބުނެފައެވެ.