މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުއާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.
ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔަތުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޅ މާބިންހުރާ ޙިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅޭ މައްސަލަ ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އިއުތިރާފްވެފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅިކަން ޕީޖީ އޮފީހުގެ ވަކީލާ ފާހަގަ ކުރެއްވި އެވެ.
ޅ މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ހަމައެކަނި މާބިންހުރާ މައްސަލައަށް އިންކާރުކޮށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަން ޒިޔަތުވެސް ބޭނުން ނުވާ ކަމަށެވެ. އަދި އެ މައްސަލަ ޒިޔަތުގެ ފަރާތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ޒިޔަތުވެސް ވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފަ އެވެ.
ޅ މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ޒިޔަތުގެ މައްޗަށް ކޮށްފައިވާ 8 އަހަރުގެ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށެވެ.