ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 17:09
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު- އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުޤީޤުކޮށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޯބަރު މަހުގެ ތެރޭގައި
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު- އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުޤީޤުކޮށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޯބަރު މަހުގެ ތެރޭގައި
އަމަން ހަލީމް
ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ
ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އަލީ ވަޙީދުގެ މައްޗަށް 7 ދައުވާއެއް އުފުލައިފި
ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރީ ޖިންސީ ގޯނާގެ މައްސަލަ އެއް ފެންމަތި ވުމުން
ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު
އަލީ ވަޙީދު ވިދާޅުވީ މި މައްސަލަ އަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށް

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން މި މައްސަލައާ ގުޅޭ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 ނޮވެމްބަރުގައެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންގެ ފަރާތުން ފޮނުވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރީ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އަލީ ވަހީދު މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މި މައްސަލައިގެ ބަޔާން ފުލުހުންނަށް ދިނުމަށްފަހު ބޭރަށް ނުކުމެވަޑައިގެން އަލީ ވަހީދު މީޑިއާ ބައްދަލުކޮށް ވިދާޅުވެފައިވަނީ، ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށާއި، މި މައްސަލަ އަކީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ހާމަވެގެން ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ. އެކަންތައްތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ސޯލިހުއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވީ، ކުރީގެ މިނިސްޓަރ އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަކީ ނެގުނު ރަނގަޅު ނިންމުމެއްކަމަށާއި އެކަން ހުދު އަލީ ވަޙީދު އަމިއްލައަށްވެސް ގަބޫލު ކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ މައުލޫމާތުތައް ލިބުމާއިއެކު، ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު މައްސަލައިގެ ބާވަތުން އަވަހަށް އަމަލުކޮށް، ނިންމުންތައް ނިންމަވާފައިވާނެ ކަމަށެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އޭނާ ދިރިއުޅުއްވަމުން ގެންދަވާ އެޕާޓްމަންޓް ބަލާ ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދު ފާސްޕޯޓް ހިފަހައްޓާ ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ
  2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ
  3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
  4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
  5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
  6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.
- ކޮމެންޓް