ސަރުކާރުގެ އިޖުތިމާއި ރައްކާތެރިކަމުގެ އެހީތެރިކަން މިދިޔަ އަހަރު 4،375 ކުއްޖަކަށް ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ހާމަކޮށްފިއެވެ.
ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައި އެންބީއެސްއިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ ތެރެއިން 4،233 ކުއްޖެއްގެ ބެލެނިވެރިންނަށް ލިބުނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސެވެ. ދެން ތިބި 142 ކުދިންގެ ބެލެނިވެރިންނަށް ދޫކޮށްފައި ވަނީ ފޮސްޓަރ ބެލެނިވެރިންގެ އެލަވަންސެވެ.
ނިމިދިޔަ އަހަރު ސަރުކާރުން ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް އެހީ ދެވޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުން މި ބަދަލުތައް ގެނައީ، އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އޭރު ހިނގަމުންދިޔަ ގޮތުން އެހީ ޙައްޤުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުންދާތީ އެކަން އިޞްލާހުކޮށް މުރާޖަޢާ ކުރުމަށް ޖެންޑަރ މިނިސްޓްރީ އާއި ފެމިލީ ސޯޝަލް ސަރވިސަސް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ވަޒީރުންގެ މަޖިލިހުގެ ލަފައެއް ހޯދަން ހުށައެޅުމުންނެވެ.
ސަރުކާރުން އެހީ ދެވޭ އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި އޭރު ބޭނުންކުރި މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ. އަދި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000ރ. އަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. މީގެ ކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000ރ. ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000ރ. ލިބޭގޮތަށެވެ.
މީގެ އިތުރުން މިހާރުގެ ޙާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑަރ މިނިސްޓްރީން ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ލިބެމުން ދިޔަ ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސް ވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.