ޤާނޫނު ނަމްބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފިއެވެ.
ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ އެވެ. އެ ޑިޕާޓްމަންޓް ހިނގަމުން ދާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކުރުމަކީ ކުޑަ ކަމެެއް ނޫންކަމަށާއި, އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން ނޫނީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާވެގެން ނުދާނެ ކަމަށެވެ.
ޢާއްމު އަދުލުގެ ނިޒާމްގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާ ގޮތެއްގައި ހިންގި އެ ނިޒާމް ފުރިހަމަ ކުރެވުމަކީ މުޖުތަމައު ހަރުދަނާވެ, ބަދަހިވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިއްމު ބިންގަލެއްހޯމް މިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ފާޠިމަތު ރޫނާ ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެ ކުދިން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވުނީއެވެ. އެއާއެކު ޤާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން ގެޒެޓްކުރެވުނު ޤާނޫނެކެވެ.