ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 12:00
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
އެޗްއީއޯސީ
ކޮވިޑް 19 ރާއްޖޭގެ ޙާލަތު
އިތުރު ކްލަސްޓަރތަކާއި، ފްލޫ ކްލިނިކްގެ އަދަދުތަކާއެކު ޑރ. ނަޒްލާގެ ކަންބޮޑުވުން!
 
ރަށްފަޅުހުރާ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 53 މީހުން ޕޮޒިޓިވްވެފައިވޭ
 
މަސައްކަތުގެ މާޙައުލުގައި ވެސް ބައެއް ކްލަސްޓަރތައް އުފެދިގެންދާ މަންޒަރު ފެނޭ
 
ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވި މީހުންގެ ނިސްބަތް 9 އިންސައްތައަށް އަރާފައިވޭ

ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ފާއިތުވި ހަތްފާއެއްހާ ދުވަހުގެ އަދަދުތަކަށް ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަންކަން ފާހަގަވަމުންދާ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތަކީ ކޮވިޑް ފެތުރޭ މިންވަރު މިނެކިރުމަށް ބޭނުންކުރާ "އިންޑިކޭޓަރ" އެއްކަން ފާހަގަ ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، ފާއިތުވި ހަފުތާގައި ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވި މީހުންގެ ނިސްބަތް 9 އިންސައްތައަށް އަރާފައިވާ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވި އަދަދުތަކާއެކު މިހާރު ނުރައްކާތެރިކަމުގެ ނިސްބަތަށް ބަލާނަމަ އެލަރޓް ލެވެލް 2 އާ ގާތަށް އަދަދުތައް އަރަމުންދާ ކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ނިސްބަތްވާ އަދަދު 1 އިންސައްތައާއި 9 އިންސައްތައިގައި ހިފެހެއްޓިފައި އޮންނަ ނަމަ އެއީ އެލަރޓް ލެވެލް 1 އެވެ. އަދި 10 އިންސައްތައާއި 19 އިންސައްތައާ ދެމެދުގައި އަދަދުތައް އުޅޭނަމަ އެއީ އެލަރޓް ލެވެލް 2 އެވެ. އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި ފްލޫ ކްލިނިކްތަކުން މި މުއްދަތުގައި 419 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން 37 ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފައެވެ.

އޭގެ އިތުރުން މަސައްކަތުގެ މާޙައުލުގައި ވެސް ބައެއް ކްލަސްޓަރތައް އުފެދިގެންދާ މަންޒަރު ފެންނަމުންދާކަން ފާހަގަ ކުރައްވައި އާންމު ދިރިއުޅުމުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައްޓެހިންނާ ބައްދަލުކުރަން ދިޔަސް، ގޭގެއަށް ޒިޔާރަތް ކުރިއަށް، އޮފީހަށް ދިޔަސް މިއިން ކޮންމެ ކަމެއްގައި ވެސް އާންމު ދިރިއުޅުމުގައި ފިހާރައަށް ދިޔަސް، މިކަހަލަ ހުރިހާ ކަމެއްގައި ވެސް ހަމަ އަޅުގަނޑުމެން އަބަދުވެސް ދައްކާ ތިން ހަތަރު ކަމެއްގެ ވާހަކަ މި އޮންނަނީ، މި ކަންކަމަށް ސަމާލުކަން ދެއްވަން ޖެހޭ، ނޫންނަމަ އަނެއްކާ ވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު އޮންނާނެ، މިހާރު ވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ބައެއް ބޮޑެތި ކްލަސްޓަރތައް ވެސް އުފެދިގެން އެބަދޭ މަސައްކަތުގެ މާޙައުލުގެ ތެރޭގައި ވެސް،
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް

ޑރ. ނަޒްލާ އެހެން ވިދާޅުވިއިރު، ކޮވިޑުގެ ކޭސްތައް 50 އިން ދަށުގައި ހިފެހެއްޓިފައި އޮތުމަށްފަހު މިހާރު އަދަދުތައް ކޮންމެވެސް ވަރަކަށް ވަނީ މައްޗަށް ދާން ފަށާފައެވެ.

އެގޮތުން އަދަދުތައް އިތުރުވުމުގެ އެއް ސަބަބަކީ ރަށްފަޅުހުރާ ރިސޯޓުގެ މަސައްކަތްކުރާ ސްޓާފުންތަކެއް ޕޮޒިޓިވްވެ ކްލަސްޓަރއަކަށް ބަދަލުވުމާއި، މާލެ ސަރަޙައްދުގައި އޮތް ޔޮޓެއްގައި ތިބި މީހުންތަކެއް ޕޮޒިޓިވްވެ އުފެދުނު ކްލަސްޓަރގެ އިތުރުން، އެއަރޕޯޓުގެ މަސައްކަތެއް ކުރަމުންދާ ސަރަޙައްދަކުން ޕޮޒިޓިވްވި މީހުންނާއި، އެމްއޭސީއެލް ކާގޯ އޭރިއާ ކްލަސްޓަރއާ ގުޅުންހުރި ކޭސްތަކުގެ ސަބަބުންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށްފަޅުހުރާ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 53 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެތަނުން މިހާތަނަށް 130 ކޮންޓެކްޓުން ކަރަންޓީން ކޮށްފައިވާއިރު، އެމްއޭސީއެލް ކާގޯ ކްލަސްޓަރއާ ގުޅިގެން 57 މީހަކު ޕޮޒިޓިވްވެ، 77 މީހުން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
17%
0%
50%
17%
0%
17%
ކޮމެންޓް