މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ދެ މީހުންނާއި، 22 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ އަންހެނެއް ކަމަށެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.
އެގޮތުން މި އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 17 ރަބަރު ޕެކެޓާއި، 16 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެއެވެ.
އަދި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.