އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މީޑިއާ ހޭލުންތެރި ކުރުމުގެ ގޮތުން ވެބިނަރ އެއް ކުރިއަށް ގެންގޮސްފިއެވެ.
އޮކްޓޫބަރު 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވެބިނަރ އަކީ ފުލުހުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ވެބިނަރއެކެވެ.
މި ވެބިނަރގައި ހިއުމަން ޓްރެފިކިންނަކީ ކޮބައިކަމާއި ހިއުމަން ސްމަގްލިންނަކީ ކޮބައިކަމާއި އަދި ހިއުމަން ޓްރެފިކިންނާއި ހިއުމަން ސްމަގްލިންގެ ތަފާތުތަކާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މި ވެބިނަރގައި ވަނީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނާ ގުޅޭގޮތުންވެސް މައުލޫމާތު ދިނުމުގެ އިތުރުން ވެބިނަރގައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ވެބިނަރގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާއެވެ. ވެބިނަރ ފެށުމުގެ ގޮތުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވަނީ ކީނޯޓް ތަގުރީރެއް ދެއްވާފައެވެ.
މި ވެބިނަރގައި މައުލޫމާތު ދެއްވާފައިވަނީ ޕޮލިސް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު ޖިނާހް، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުހައްމަދު އަދުހަމް އަދި ޕޮލިސް ސްޓާފް ސަރޖަންޓް ހަސަން ރަޝީދުއެވެ.