ޤުރުއާން ކުލާސްތަކާއި ޕްރީ ސުކޫލުތަކަށް އެހީގެ ފައިސާ ދޭ މުއްދަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން އިތުރު ކޮށްފިއެވެ.
ހުކުރު ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރި ވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އެކަމާ ގުޅިގެން މިނިސްޓްރީން ކުރި އިއުލާނަށް ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަންޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ، އެ ފަރާތްތަކުން ޑޮކިޔުމެންޓްތައް ފުރިހަމަކޮށް ހުށަހެޅުމަށާއި، އެކަމަށް އެދި ކުރިމަތިލި ފަރާތްތައް މަދުކަމަށް ފެންނާތީ، ވީހާވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެހީއަށް އެދި ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެކަމަށް ކުރި އިޢުލާނާއި ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބާތިލު ނުވާނެކަން މިނިސްޓްރީގެ އިއުލާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ލިޔުންތައް ފުރިހަމަވެފައިވާ ފަރާތްތަކަށް އެކަން މިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގަމުން ގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ، ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަމިއްލަ ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން އެކަމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު 2020 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް މެއިލް ކުރުމަށް އެދިފައެވެ.