ހަފްތާ ބަންދުގައި ފެނިގެން ދިޔައީ ހިތާމަވެރި މަންޒަރެއް ކަމަށާއި، ޕާޓީތަކާއި މަސްދަތުރު ނުގޮސް ކޭސްތައް މަދުކުރުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އެދިވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހަފްތާ ބަންދުގައި ފެނިގެން މިދިޔައީ ވަރަށް ކަންބޮޑުވާ މަންޒަރެއް ކަމަށާއި، އުއްމީދުކުރި ގޮތާއި މުޅިން ތަފާތުކޮށް ކަންކަން ފެނިގެންދިޔަ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޭސްތައް މަދުކަމުގައި ވީ ނަމަވެސް މި ކުރަމުން ގެންދާ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ތަކުރާރުކޮށް ދެންނެވި ނަމަވެސް އެކަން ކުރަމުންދާ މަންޒަރު ނުފެންނަ ކަމަށެވެ.
ފިޔަވަޅުތަކުގައި ދެމިތިބެން ޖެހެނީ ކީއްވެގެން ކަން ޑރ. ޝީނާ ކުރީރެއެއްގައި ވަރަށް ތަފްސީލުކޮށް ފާހަގަކޮށްދެއްވި. އެހެންނަމަވެސް ހަފްތާ ބަންދު ދެ ދުވަހު ފެނިގެން ދިޔައީ ދަތުރު ދިއުމާއި ޕާޓީ ބޭއްވުމާއި މަގުމައްޗަށް ގިނަ އަދަދަކަށް މީހުން ނުކުތުން ފަދަ ކަންކަން. މިއީ އަނެއްކާ ވެސް ގްރީންޒޯނަށް ދާން އެޅޭ ހުރަހަކަށް ވެގެންދާނެ. އަދި ދިއުމަށް ނަގާ މުއްދަތު ގިނަވާނެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،000ށް ވުރެ މައްޗަށް އަރާފައި. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާންވީ ބަލިޖެހޭ މީހުންގެ އަދަދު ވީހާ ވެސް މަދުކުރުން. 79 ވަރަކަށް މީހުންނަށް މި ވަގުތު ވެސް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން،ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ ހޮނިހިރު ދުވަހު މަދުން ކޭސް ފެނުނު ނަމަވެސް މިއީ ރާއްޖޭގައި ކޮވިޑް ނެތްކަމަށް ބަލަ އަޅާފައި ހުރި ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރެވިއްޖެއްޔާ ކުރިއެކޭ އެއްގޮތަށް ކޭސްތަކުގެ އަދަދު މަދުވުމަށްފަހު އަނެއްކާ ވެސް އިތުރުވުން އެކަށީގެންވާ ކަމަށާއި، އެހެންކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރެއްވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާ ކަމަށެވެ.
2 މަހާ ގާތްކުރާ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދުދަތައް ވަނީ ދަށްވާން ފަށާފައެވެ. މީގެ އިތުރުން އެޑްމިޓްކުރާ މީހުންނާއި އެކްޓިވް ކޭސްތަކުގެ އަދަދު ދަށްވެފައިވީ ނަމަވެސް ބަލީގެ ނުރައްކާ އެއްވެސް ވަރަކަށް ކުޑަ ނުވާ ކަމަށް އެޗްޕީއޭގެ ކޮންސަލްޓަންތް ޑރ. ޝީނާ މޫސާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.