ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
މި 200 މީހުން ފުރުވާލާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު އެވެ. މޯލްޑިވިއަންގެ މި ފްލައިޓް ދަތުރުކުރާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށެ އެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެެވެ.
އެގޮތުން ސެޕްޓެމްބަރ މަހުގެ 16 އާއި ހަމައަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 8500 އަށް ވުރެ ގިނަ މީހުން ފޮނުވާލެވިފައިވާނޭކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ހާމަކޮށްފައިވެއެވެ.
މިގޮތަށް އުޅެމުން އަންނަ ބިދޭސީން ގައުމަށް ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަނަވަރަކާއި އެގައުމުގެ ގައުމީ އެއާލައިނާއި، މޯލްޑިވިއަން އާއި އަދި އިކޮނިމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ އެހެން އިދާރާތަކާއި ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވަނީ އެމިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 އެއްހާ ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެ އެވެ.