މިއީ މާލީ ވުޒާރާގެ ތެރެއިން ހިންގާ ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާގެ ޓްރެޜަރީން ކަނޑައަޅާފައިވާ "ފައިނޭންޝަލް ކްރައިމް އެންފޯސްމަންޓް ނެޓްވާރކް" (ފިންސެން) ގެ ލިއެކިއުންތަކެއް ލީކުވެފައިވާއިރު، ރާއްޖެއާ ގުޅޭ މާލީ މުއާމަލާތްތަކެއްވެސް އޭގެ ތެރޭގައި ހިމެނިއްޖެއެވެ.
2500ށް ވުރެ ގިނަ ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށްފައިވާ މި ލިއެކިއުންތައް ލީކުވެފައިވާއިރު، އޭގައި ގިނައިން ހިމެނެނީ 2000 ވަނަ އަހަރާއި، 2017 ވަނަ އަހަރާ ދެމެދު އެކިއެކި ބޭންކުތަކުން އެމެރިކާގެ އިދާރާތަކާ ދެމެދު ކޮށްފައިވާ މާލީ މުއާމަލާތްތަކުގެ މައުލޫމާތުތަކެވެ. ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ލިއެކިއުންތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ މާލީ ވުޒާރާތަކުގެ ސިއްރު އެތައް މައުލޫމާތުތަކެއް ހިމެނެއެވެ. އަދި މި ލިއެކިއުންތައް ތަހުޤީޤު ކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިން ހިމެނޭގޮތަށް 108 ނިއުސް އޮގަނައިޒޭޝަނެއް ގުޅިގެންނެވެ.
މި ލިއެކިއުންތަކުގެ ތަފްސީލުތައް އިންޓަރނޭޝަނަލް ކޮންސޯރޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާރނަލިސްޓްސް (އައިސީއައިޖޭ) ގެ ވެބްސައިޓުގައިޝާއިއުކޮށްފައިވާއިރު، ރާއްޖެއާ ގުޅޭ 18 މުއާމަލާތެއް ހިމެނޭކަން އޭގެން ދައްކައެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ވީޕީ ބޭންކް އޭޖީ މެދުވެރިކޮށް ރާއްޖޭގެ ދެ ބޭންކަކަށް ވައްދާފައިވާ ފަައިސާއެވެ. އެހެންނަމަވެސް، ރާއްޖެއިން އެއްވެސް ޤައުމަކަށް އެ މުއްދަތުގެ ތެރޭގައި ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓް (އެސްއޭއާރް) ނުވަތަ ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އައިސީއައިޖޭގައި އާންމުކޮށްފައިވާ ލިއެކިއުންތަކުން ދައްކާގޮތުން ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ވަނީ ރާއްޖޭގައި ހުންނަ އެޗްއެސްބީސީއަށް 204،431 އެމެރިކާ ޑޮލަރު ވައްދާފައެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް 296،928 އެމެރިކާ ޑޮލަރު ވައްދާފައިވާއިރު، މި ހުރިހާ މުއާމަލާތްތަކެއްވެސް ހިނގާފައިވަނީ 2015 ވަނަ އަހަރާއި، 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ޖުމުލަ 501،359 އެމެރިކާ ޑޮލަރު ވައްދާފައިވާކަން ފިންސެން ފައިލްސްގެ ލިއެކިއުންތަކުން ދައްކައެވެ.
ފިންސެން ފައިލްތަކުގެ ލީކުވެފައިވާ ލިއެކިއުންތަކުން ފަޅާއަރާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ނުޙައްޤުން މަންފާ ހޯދުމާއި، މަނީ ލޯންޑަރިންގ އާއި، ވައްކަމާ ގުޅޭ ގިނަ މައްސަލަތަކެއް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އިސްވެރިންގެ ބައިވެރުން އޮތް ކަމަށް ވެސް ލިޔެކިޔުންތަކުން ހާމަވެއެވެ.