ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 09:14
ކުނި ކޮތަޅުތަކެއް މަގުމަތީގައި ބަހަހައްޓާފައި
ކުނި ކޮތަޅުތަކެއް މަގުމަތީގައި ބަހަހައްޓާފައި
ރާއްޖެއެމްވީ
ކުނި ނޭޅުމަށް އިލްތިމާސް ކުރުން
ފްލެޓްތަކުގެ ވައި ގޮޅިތަކަށް ކުނި ނާޅާ، ސާފެއް ނުކުރެވޭނެ: މާލެސިޓީ ކައުންސިލް
ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނި އަޅާ ނުހެދުމަށް ވަނީ އިލްތިމާސްކޮށްފައި

ފްލެޓްތަކުގެ ވައި ގޮޅިތަކަށް ކުނި ނޭޅުމަށް މާލެސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ބުނީ އެ އިދާރާގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ބިދޭސީ ހުރިހާ މުވައްޒަފުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބިދޭސީ މުވައްޒަފުން ޝާމިލުކޮށްގެން ކުރާ ހުރިހާ މަސައްކަތެއް މިހާރަށް ހުއްޓިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެހެންކަމުން ފްލެޓުތަކުގައި ގޮޅިތަކަށް އަޅާ ކުނި މި ދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނީތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް މާލެސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނި އަޅާ ނުހެދުމަށް ވެސް ވަނީ އަންގާފައެވެ.

ކުނި އުކާލުމަށްޓަކައި ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގައި ރަޖިސްޓްރީވުމަށް ކުރިން ވެސް އަންގާފައިވާނެކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިޔުމަށް ވަނީ އެދިފައި ކަމަށެ އެވެ.

ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯ މެދުވެރިކޮށް ކުނި އުކާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވާއިރު ކުނި ނަގަމުންދާނީ މާލެ ސަރަހައްދުގައިވާ ހުރިހާ އިމާރާތެއްގެ ތިރިން ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

ވެމްކޯއިން ކުނި ނަގަމުންދާނީ ކުރިޔެކޭވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާއި 14:00އާ ދެމެދު އެވެ. ނަމަވެސް އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމްއެއް ދުރާލާ ހަމަޖެހިފައިވާ ގޭބީސީ އެއް ނަމަ، އެދުވަހެއްގެ 18:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސަންވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ނާރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

- ކޮމެންޓް