ގދ. ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގް ހަދާ ތިން ބިދޭސީން އެކަހެރިކޮށްފިއެވެ.
މި ބިދޭސީ މީހާ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ގައްދޫއަށް ގޮސް، 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކޮށް ނެގި ސާމްޕަލުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލް ރައީސް ރައްޔާން ޖަމާލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެކަހެރި ކުރެވިފައިވާ މި ތިން ބިދޭސީންނަކީ ޕޮޒިޓިވްވި ބިދޭސީ މީހާގެ ޑައިރެކްޓް ކޮންޓެކްޓުން ނޫން ކަމަށެވެ.
އެ ރަށުން ފުރަތަމަ ފަހަރަށް ކޮވިޑުގެ ކޭހެއް ފެނިފައިވާއިރު އެ ރަށު ޓާސްކްފޯހުން އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ގިނަ މީހުން ތަންތަނުގައި އެއްވެ ނޫޅުމާއި ފިހާރަތަކަށް ވަދެ އުޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެއްފަަހަރާ ތިން މީހުންނަށް ވުރެން ގިނަ މީހުން ފިހާރައަށް ނުވަނުމާއި ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން އުޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ވަކިން ހާއްސަކޮށް ކެފޭ އަދި ހޮޓާތަކާއި ވެސް ގައިދުރުކަން ބަހައްޓައިގެން ނޫނީ ނުތިބުމަށާއި މާސްކް އަޅައިގެން ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް މާލެ ފިޔަވާ ރާއްޖޭގެ 21 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވަނީ ފެނިފައެވެ. އެގޮތުން ކޮވިޑުގެ ކޭސްތައް ފެނިފައިވާ މި ރަށްތަކުން ޖުމްލަ 48 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 34 ދިވެހިންނާއި 14 ބިދޭސީން ހިމެނެއެވެ.
ގދ. ހޯނޑެއްދޫ އަދި ގދ. މަޑަވެލި މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ކޮވިޑުގެ ކޭސްތައް ފެންނަ ރަށްތަކުގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ށ. އަތޮޅު ކޮވިޑު ފެސިލިޓީ އަދި ގއ. ވިލިނގިލީ ކޮވިޑު ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
21 ރަށަކުން ކޮވިޑުގެ ކޭސްތައް ފެނިފައިވާއިރު ރާއްޖޭގެ 27 ރިސޯޓަކުން ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައެވެ. ރިސޯޓުން 39 މުވައްޒަފަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 18 ފަތުރުވެރިޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.