ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ރާއްޖެ އައިސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަން ވީއައިއޭ ގެ ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހުސެއިން ވިދާޅުވީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއަށް 708 މީހުން އައިސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން މީހުން އައިސްފައި ވަނީ ރަޝިއާއިން ނެވެ.
ރަޝިއާގެ އެއޮރޯފްލޯޓު ފްލައިޓްގައި 335 މީހުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން އިއްތިހާދު އެއާވޭސް އިން 13 މީހުން އައިސްފައިވާ އިރު، އެމިރޭޓްސް އިން 153 މީހުން ވަނީ އައިސްފައެވެ. އަދި ގަތަރު އެއާވޭސް އިން 121 މީހުން ވަނީ ރާއްޖެ އައިސްފައެވެ.
ވީއައިއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓާކިޝް އެއާލައިނުގެ ފްލައިޓެއްގައި ރާއްޖެ އަށް ފަސް މީހުން އައިސްފައިވާ އިރު، ސްރީލަންކަން އެއާލައިންސް އިން އައިސްފައި ވަނީ 16 މީހުންނެވެ. އަދި މޯލްޑިވިއަން ގެ ފްލައިޓެއްގައި 65 މީހުން ވަނީ ރާއްޖެ އައިސްފައިވެއެވެ.
ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއަށް އަށް ފްލައިޓް ދަތުރު ކޮށްފައިވާ ކަމަށާއި ޖުމްލަ 597 މީހުން ރާއްޖެ އިން ފުރާފައިވާ ކަމަށް ވެސް ވީއައިއޭ އިން ބުނެއެވެ.
މީގެ އިތުރުން ޑޮމެސްޓިކް އަށް ފްލައިޓެއް ވެސް ވަނީ ސެޕްޓެމްބަރު 18 ގައި އޮޕަރޭޓް ކޮށްފައެވެ. އެގޮތުން މާލެ އަށް 153 މީހުން އައިސްފައިވާ އިރު، ރާއްޖޭގެ އެކި ރަށްރަށަށް 161 މީހުން ވަނީ ފުރާފައެވެ.