ކޮވިޑް-19ށް ހުކުރު ދުވަހު 74 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް 74 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީން ކަމަށެވެ. މިއީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިން ޕޮޒިޓިވްވި ދަށްވި ފުރަތަމަ ފަހަރެވެ. 74 މީހުންގެ ތެރެއިން 70 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން ހުކުރު ދުވަހު ޕޮޒިޓިވްވީ 4 މީހުންނެވެ.
ހުކުރު ދުވަހު ބަލިން ރަނގަޅުވީ 44 މީހުންނެވެ. މިއީ މި ހަފްތާ ތެރޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު އެންމެ ދަށް ދުވަހެވެ. މި ހަފްތާގެ ކޮންމެ ދުވަހެއްގެ ވެސް 100ން މަތިން މީހުން ބަލިން ރަނގަޅުވެފައިވެއެވެ. 44 މީހުން ހުކުރު ދުވަހު ބަލިން ރަނގަޅުވި އިރު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8033ށް އަރާފައެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9568ށް އަރާފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1452 އެވެ. މީގެ ތެރެއިން 106 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. 33 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.
ރާއްޖޭގައި ބަލިޖެހުނު މީހުންގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 6046ށް އަރާފައެވެ. ބިދޭސީންގެ އަދަދު ވަނީ 3541ށް އަރާފައެވެ. ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ.
އަތޮޅު ތެރޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އެކްޓިވް ކޭސްތައް މިވަގުތު ހިމެނެނީ 21 ރަށެއްގައެވެ. މީގެ ތެރެއިން ހޯނޑެއްދޫން މިހާތަނަށް 44 ކޭސް ފެނިފައިވާ އިރު އެރަށުގައި އެކްޓިވް ކޭސްގެ އަދަދަކީ މިހާރު 17އެވެ. 21 ރަށުގައި މިވަގުތު 48 އެކްޓިވް ކޭސް ހިމެނޭ އިރު މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 34 ދިވެހިންނެވެ. އަތޮޅު ތެރޭގެ އެކްޓިވް ކޭސްގެ ތެރެއިން ބިދޭސީންގެ އަދަދަކީ 14އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތީ ދެ ރަށެވެ. އެއީ ގދ. ހޯނޑެއްދޫއާއި ގދ. މަޑަވެއްޔެވެ. އަތޮޅު ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. އަތޮޅު ކޮވިޑް ފެސިލިޓީ އަދި ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ދަނީ 4 މީހަކަށް ފަރުވާ ދެމުންނެވެ.