އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 67.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވަ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 6،872 އަށް މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. މި އެލަވަންސް އަށް 16،082 މީހުން އެދިފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މި އެލަވަންސް މެއި މަހުގެ 20 ވަނަ ދުވަހު ދޫކުރަން ފަށާފައިވާ އިރު، އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
މި އެލަވަންސް ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާރޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ލިބޭނެ ކަމަށް ފިނޭންސް އިން ބުނެއެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނި ކުރުމުން ޖެހޭ އަދަދު ލިބޭނެ ކަމަށް ފިނޭންސް އިން ވަނީ ބުނެފައެވެ.
ފިނޭންސް އިން ވަނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ ކަމަށް ވެސް ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑް-19 އާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުން ވަޒީފާ އަށް އަސަރު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދޭން ވަނީ ނިންމާފައެވެ.