ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭ 250 މިލިއަން އެމެރިކާ ޑޮލަރު (3.9 ބިލިއަން ރުފިޔާ) އެޕްރޫވް ކޮށްފިއެވެ.
ބުރާސްފަތި ދުވަހު މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާއިން ދޭ ލުއި ލޯނުގެ އެހީ އެޕްރޫވް ވެފައިވާ ކަމަށާއި، އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން، މިއީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މި ދަތި ޙާލަތުގައި ވެދެއްވި ދީލަތި އެހީއެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސޮވެރިން ގެރެންޓީ ދޭނެ ކަމަށެވެ.
އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިކަން ހާމަ ކުރައްވާފައިވަނީ ނިމި ދިޔަ އޮގަސްޓް މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މި އަހަރު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިން ރާއްޖެ ގެނައުމަށާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސް ދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.
މިހާރު ވެސް އިންޑިއާގެ ބޯޑަރުތައް ބަންދު ކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާ އަށް ދަތުރު ކުރުމުގެ މަގު އިންޑިއާ އިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.