ގިނަ އަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތިން ގައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިޔާ އަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު އަނެއްކާ ވެސް ފަސްކޮށްފިއެވެ.
މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ގިނަ ދަރިވަރުން ރާއްޖެއަށް އައިސްފައިވާއިރު، ކިޔެވުން އަލުން ފެށޭތީ ބައެއް ދަރިވަރުންނަށް ވަނީ މެލޭޝިޔާ އަށް ދާން ބެނުންވާ ކަމަށް ބުނެފައެވެ.
ކުއަލަރލަމްޕޫރަށް ކުރާ އެ ދަތުރު ކުރިން ކުރަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 20 ގައެވެ. ނަމަވެސް މިހާރު އެ ދަތުރު ވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ އެ ދަތުރު ފަސް ކުރީ ވީހާވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެއާއެކު، ސައްޙަ ލިއެކިއުންތައް ހުރި ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ޓިކެޓު ނެގުމަށް މޯލްޑިވިއަން އިން އެދިފައިވެއެވެ. އެ ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 385 ޑޮލަރު ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މެލޭޝިޔާގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ފަށާފައިވާއިރު، ސްކޫލު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް އެ ގައުމުން ދަނީ ތައްޔާރު ވަމުންނެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ވެސް މި ދަތުރު ޝެޑިއުލް ކުރިއެވެ. އެގޮތުން އޭރު ޝެޑިއުލް ކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 10ށް އެވެ. ނަމަވެސް ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން އޭރު ސެޕްޓެމްބަރު މަހުގެ 20ށް އަނެއްކާ ވެސް ދަތުރު ފަސް ކުރީއެވެ.