މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ދައުލަތުގެ ބަޖެޓު އަލުން ރިވައިސްކޮށް މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީއިން ނިންމައިފިއެވެ.
މި އަހަރަށް ލަފާކޮށް ފާސް ކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަފާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއި ރާއިންނެވެ.
ބަޖެޓް އަލުން ރިވައިސްކޮށް މަޖިލީހަށް ހުށަހެޅުމަށް ނިންމުމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫނު ވިދާޅުވީ ބަޖެޓް އަލުން ރިވައިސް ކުރުމަށްފަހު މަޖިލިސް ހުޅުވުމާއެކު ހުށަހަޅުއްވާނެ ކަމަށެވެ. މަޖިލިސް ހުޅުވާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.
ޝަނޫނު ވިދާޅުވީ ރިވައިސް ކުރި ބަޖެޓްގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދައުލަތަށް ލަފާކުރި އާމްދަނީ ނުލިބުނު އާމްދަނީތަކާއި، ކޮވިޑާއި ގުޅިގެން އިތުރަށް ހަރަދު ކުރަން ޖެހުނު ދާއިރާތައް ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރި މަޝްރޫއުތަކުގެ މައުލޫމާތުތައް ހިމެނޭނެ ކަމަށެވެ.
މިދިޔަ އަހަރު ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު 366 މިލިއަން ރުފިޔާ އިތުރު ކުރިއެވެ. އިތުރު ކޮށްފައިވަނީ ސަރުކާރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް 93.5 މިލިއަން އިތުރު ކުރުމާއި، ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 10،181.4 މިލިއަން ރުފިޔާގެ ޖުމުލަ ބަޖެޓަށް 273.3 މިލިއަން ރުފިޔާ އިތުރު ކޮށްފައިވެއެވެ.
ބަޖެޓަށް އިތުރު ކުރެވުނު އަދަދާއެކު ޖީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް 5.8 އިންސައްތައިން 6.2 އިންސައްތައަށް ވަނީ މައްޗަށް ގޮސްފައެވެ. ބަޖެޓަށް ފައިނޭންސް ކުރުމަށްޓަކައި ޓީބިލް ވިއްކައިގެން ފައިސާ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފާސް ކުރެވިގެން ދިޔަ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 6.8 ބިލިއަން ރުފިޔާއެވެ.
މިއަހަރު ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަލާފައިވަނީ 37 ބިލިއަން ރުފިޔާއެވެ. އެ ފައިސާ އަކީ ދަރަނީގެ ޚިދުމަތާއި ދަރަނި އަދާ ކުރުމަށް ހިނގާނެ ޚަރަދު ހިމަނައިގެން ހިމަނާފައިވާ ފައިސާއެވެ. މިއަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަޖެޓްގައި ޖަހާފައިވަނީ 22 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އަންނަ މަސް ނިމުމުގެ ކުރިން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ނޭޝަނަލް ޓާސްކް ފޯހެއް ހެދި އިގްތިޞާދު އަލުން ބިނާކޮށް ރީއޮރިއެންޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާނުވެ ރާއްޖޭގައި އިތުރު ސިނާއަތްތައް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުގެ މަތިން ތަރައްޤީ ކުރާނެ ސެކްޓަރތައް ކަނޑައަޅާ އެ މަގުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްވެރިކާއި، ދަނޑުވެރިކަން އަދި އިޔާދަ ކުރަނިވި ހަކަތަ ތަރައްޤީ ކުރުމަށް އިތުރު މަސައްކަތްތަކެއް އަންނަ އަހަރު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.