ކ. މާލެ
|
16 ޖުލައި 2020 | ބުރާސްފަތި 19:11
ވެލާނާ އެއަރޕޯޓުގައި ޕާކްކޮށްފައި އޮތް އިއްތިހާދު އެއަރވޭސްގެ ފުލައިޓެއް
ވެލާނާ އެއަރޕޯޓުގައި ޕާކްކޮށްފައި އޮތް އިއްތިހާދު އެއަރވޭސްގެ ފުލައިޓެއް
ވެލާނާ އެއާޕޯޓް
އެމްއޭސީއެލުން އެއަރލައިންތަކަށް ޑިސްކައުންޓް ދެނީ
އެއަރލައިންތަކާއި ޓީއާރުސީސް ތަކަށް 50 އިންސައްތައިގެ ޑިސްކައުންޓެއް
 
ރިސޯޓު ޕެވީލިއަންސް ތަކުގެ ކުލިން ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށް 25 އިންސައްތަ
 
އެއަރލައިން އޮފީސް، އެއަރލައިން އިންޖިނިއަރިން އޮފީސް އަދި ސްޓޯރޭޖު ސްޕޭސްއަށް ޑިސްކައުންޓް ވަނީ ދީފައި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއަރލައިންތަކާއި ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރ (ޓީއާރުސީ) ތަކަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

އެމްއޭސީއެލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނީގެ ހައިސިއްޔަތުން ކުންފުނީގެ ކަސްޓަމަރުންނަށް މި ދަނޑިވަޅގުގައި ލުޔެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި އެއަރލައިން އޮފީސް، އެއަރލައިން އިންޖިނިއަރިން އޮފީސް އަދި ސްޓޯރޭޖު ސްޕޭސް އާއި އެހެނިހެން އޮފީސް ޖާގަ އަދި ޓެލެކޮމް އައުޓް ލެޓުތަކަށް މި އަހަރުގެ މާޗް މަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 50 އިންސައްތައިގެ ޑިސްކައުންޓެއް އަދި ޖުލައިން 15 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހާ ހަމައަށް 25 އިންސައްތައިގެ ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓީއާރުސީގެ ކުލިން މިއަހަރުގެ މާޗް މަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 50 އިންސައްތައިގެ ޑިސްކައުންޓެއް އަދި ރިސޯޓު ޕެވީލިއަންސް ތަކުގެ ކުލިން ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަށް 25 އިންސައްތައިގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މީގެ އިތުރުން ވެސް ވެލާނާ އެއަރޕޯޓަށް ޖައްސާ އެއަރލައިންތަކަށް އެހެނިހެން ޑިސްކައުންޓްތަކެއް ދިނުމަށް ވެސް އެމްއޭސީއެލުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހޭންޑްލިންގ ފީ، ޕާކިން ފީ ފަދަ ފީ ތައް ހިމެނެއެވެ.

އެމްއޭސީއެލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އެއަރލައިންތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެއަރޕޯޓުގެ ކޮމަރޝަލް ހިދުމަތް ހުއްޓި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންކަމުން ޑިސްކައުންޓްތައް ދޭން ނިންމާފައިވަނީ ރާއްޖޭގެ މައި އެއަރޕޯޓް ހިންގާ ކުންފުނީގެ ހައިސިއްޔަތުން އެއަރލައިންތަކާއި ފިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް