ކ. މާލެ
|
31 މެއި 2020 | އާދީއްތަ 19:14
މީހަކު ގެޔެއް ސާފުކުރަނީ - ދިރިއުޅޭ މާހައުލު ސާފު ކުރުމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން
މީހަކު ގެޔެއް ސާފުކުރަނީ - ދިރިއުޅޭ މާހައުލު ސާފު ކުރުމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުން
އުމްނާ އިސްމާއިލް
ކޮވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅު
ގެތަކަށް ސާފުކުރާ މީހުން ގެންގޮސްގެން އެކަން ނުކުރުމަށް އިލްތިމާސް ކޮށްފި
 
ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ
 
އެގޭގައި މިހާރު ވެސް ދިރިއުޅޭ ބިދޭސީއެއް ނަމަ އެމަސައްކަތް ކުރިވި ނަމަވެސް މައްސަލައެއް ނެތް
 
އެގޮތަށް އެކަން ކުރާނަމަ ބަލި ފަސޭހައިން ފެތުރިދާނެ

ކޮވިޑް-19ގެ މި ހާލަތުގައި ބައެއް ގެތަކަށް ބިދޭސީން ގެންގޮސްގެން ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިހާރުގެ މިހާލަތުގައި ބައެއް މީހުން ގެތަކަށް ބިދޭސީން ގެންގޮސްގެން ސާފުކުރުވުމުގެ މަސައްކަތް ކުރާ ކަމަށާއި، އެއީ އެގޭގައި ދިރިއުޅޭ ބިދޭސީއެއް ނަމަ މައްސަލައެއް ނެތް ކަމަށެވެ.

ނަމަވެސް ގިނަ ފަހަރު ގެތަކަށް ގޮސްގެން ސާފުކުރާ މީހުންނަކީ ގިނަ ގެތަކަށް ގޮސް އެޚިދުމަތް ދޭ މީހުން ކަމަށާއި، މިގޮތަށް މިކަން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި މިދުވަސްވަރަކީ ކޮވިޑް-19 ފަސޭހައިން ފެތުރުން ބޮޑު ދުވަސްވަރެއްގެ ގޮތުގައި ޑރ. އަފްޒަލް ސިފަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން މިހާރު ވެސް ބައެއް ބޭފުޅުން ބިދޭސީން ލައްވާ ގެ ސާފު ކުރުވުމުގެ މަސައްކަތް އެބަ ކުރުވާ. އެހެން ނަމަވެސް އެއީ ގޭގައި އުޅޭ ބިދޭސީ އެއް ނަމަ މައްސަލަ އެއްނެތް. ބައެއް ފަހަރު އެކަންތައް އަޅުގަނޑުމެންނަށް އެބަ ފާހަގަވެގެންދޭ ބޭރުން ގެއަށް އައިސްފަ ކޮންމެ ދުވަހަކު ސާފު ކުރާ ބިދޭސީންގެ ޚިދުމަތްތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް. އެހެންވީމަ އެމީހުންނަކީ ގިނަ ފަހަރު ބައިވަރު ގެތަށް ސާފުކުރަން ދާ ބައެއް. އެހެންވީމަ މިދުވަސްވަރު އެއީ އެކަން ކުރަންޖެހޭ ގޮތެއް ނޫން. މިދުވަސްވަރު އެކަން ކުރަންޖެހޭ ގޮތަކީ ވަރަށް ފަސޭހައިން ބަލި ފެތުރުމުގެ ޗާންސް އޮންނާނެ ކަމަކަށްވާތީވެ މިދުވަސްކޮޅު އެންމެ ރަނގަޅު ގޮތަކަށްވާނީ ތިބޭފުޅުން އަމިއްލައަށް ތިބޭފުޅުން ގޭތެރޭގައި ތިއްބެވި ދުވަސްކޮޅަކަށް ވާތީވެ އަމިއްލައަށް ގެސާފުކޮށްލެއްވުން.
އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 އާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ގޭތެރެ ސާފުކުރުމުގައި ވެސް ދޮރުތަކާއި، މޭޒުފަދަ ތަންތަން ސާފުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.

ލޮކްޑައުންގައި ދެވުނު ލުއިތަކުގައި ވެސް އެގަތަކަށް މީހުން ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ މިހާލަތުގައި ގެތަކަށް މީހުން ޒިޔާރަތް ކުރުން މަދު ކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް