ކ. މާލެ
|
8 މެއި 2024 | ބުދަ 14:32
އޭސީއަށް އޮންނަ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށް، ޑިމާންޑާ އެއްވަރަށް ސަޕްލައިއެއްވެސް ނުކުރެވޭ
އޭސީއަށް އޮންނަ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށް، ޑިމާންޑާ އެއްވަރަށް ސަޕްލައިއެއްވެސް ނުކުރެވޭ
ޓުޑޭ އޮންލައިން
ނޭދެވޭ މޫސުމީ ބަދަލު
ޓިނު ފުރާޅެއްގެ ދަށުގައި އިތުރު ވޭނެއް! އޭސީ ޔުނިޓަކީ ޙައްލުބާ؟
 
ހަފުތާއެއްހާ ދުވަސް ކުރިން 570 ވަރަކަށް ޑޮލަރަށް ލިބުނު އޭސީ ޔުނިޓެއްގެ އަގު މިހާރު އުޅެނީ 652 ޑޮލަރަށް

ނޭދެވޭ މޫސުމީ ބަދަލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ބައެއް މީހުންނަށް އެއީ ތޯތޯ ކަމެކެވެ. އަނެއް ބަޔަކަށް، އެއީ ޖޯކެވެ. ސީރިއަސް ނަޒަރަކުން މިކަމާ ވިސްނަނީ، މަދު ބައެކޭ ދެންނެވިއަސް ގޯހެއް ނެތެވެ. ނޭދެވޭ މޫސުމީ ބަދަލުތަކަކީ ސަތޭކައެއްހާ އަހަރު ދުރުގައި އޮތް ކަމެއް ކަމަށް ޤަބޫލުކޮށް، ބޮޑު ވަރިހަމައަށް ކަންކަން ދޫކޮށްލައިގެން ތިބުމުގެ ނަތީޖާ، މިއަދު މި ވަނީ ފެންނަން ފަށާފައެވެ. ކޮންމެ އަހަރަކީވެސް، ފެއިބި އަހަރަށްވުރެ ހޫނު ގަދަ އަހަރެއްގެ ގޮތުގައި ރެކޯޑް ކުރަން މަޖުބޫރުވެއްޖެއެވެ.

އިންސާނީ ޠަބިއްޔަތު ހުންނަ ގޮތުން، ކޮންމެ ކަމަކަށްވެސް ގިނަ ފަހަރަށް ހޯދެނީ ވަގުތީ ޙައްލެކެވެ. 'ވަގުތީ-ދައިމީ' އަށް ބަދަލުވެފައި އޮންނަނީ ބޭ އިޚްތިޔާރުގައެވެ. މިހާރު ކުރިމަތިވަމުން ދާ ގަދަ ހޫނުގެ ކާރިޘާތަކުގައިވެސް ކަން ހިނގަނީ ހަމަ އެފަދަ މޭރުމަކުންނެވެ. އަހަރެމެންނާ އެންމެ ގާތުން، އަވަށްޓެރި ބަންގްލަދޭޝްއިން މިސާލެއް ދަންނަވާލަންތޯއެވެ. މީގެ ކުރިން 'ބޭބޭފުޅުންގެ' ގެދޮރާއި، ސަރުކާރުގެ ޢިމާރާތްތަކުން ނޫނީ އެހެން ތަނަކުން ފެނުން ނާދިރު، އެއަރކޮންޑިޝަން (އޭސީ) އަކީ މިއަދު އާންމު ދިރިއުޅުމުގެ ބަޔަކަށް ވެއްޖެއެވެ.

ބަންގްލަދޭޝްގެ ތާރީޚުގައިވެސް ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ މޫސުން ދިގުލައި ދިއުމުގެ ނަތީޖާއަކަށް ވީ، އޭސީ ވިޔަފާރި މެކުހަށް ޖެހުމެވެ. އޭސީއަށް އޮންނަ ޑިމާންޑް އިތުރުވަމުން ދަނީ އިންތިހާއަށެވެ. ޑިމާންޑާ އެއްވަރަށް ސަޕްލައިއެއްވެސް ނުކުރެވެއެވެ.

އިޤްތިޞާދީ ފަލްސަފާ ޗާޓުތަކުގައި ވާ ފަދައިން، ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުމުގެ އަޚިރު ނަތީޖާއަކަށް ވީ، އޭސީގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލުމެވެ. ހަފުތާއެއްހާ ދުވަސް ކުރިން 570 ވަރަކަށް ޑޮލަރަށް ލިބުނު އޭސީ ޔުނިޓެއްގެ އަގު މިހާރު އުޅެނީ 652 ޑޮލަރަށެވެ.

މި ދުވަސްވަރު އޭސީއަށް ވަރަށް ޑިމާންޑް ބޮޑު. އެކަމަކު، އުފައްދާ މީހުންނަށް އޮންނަނީ ކޭޓަރ ނުކުރެވިފަ. އެހެންވެ، އެމީހުން ދަނީ ގަސްތުގަ ހަމަ އަގުބޮޑުކޮށް ވިއްކަމުން. މިދިޔަ ހަފުތާގަ 63000 ޓާކާއަށް ވިއްކި ޔުނިޓް، މިއަދު މިއުޅެނީ 72000 ޓާކާއަށް. ރީޓެއިލް އަގުގަ. އަހަރެމެން މީ ޑީލަރުން. މަސްރަޙު ނުތަނަވަސްވެ، އަހަރެމެންވެސް މި ދަނީ ޔުނިޓްތައް ގުދަން ކުރެވޭތޯ މަސައްކަތް ކުރަމުން. އެކަމަކު، މިހާރު މި އޮތް ޑިމާންޑާ އެއްވަރަކަށް މުދަލެއް ނުލިބޭ.
ނަޒްރުލް އިސްލާމް؛ ބަންގްލަދޭޝްގައި އޭސީ ވިޔަފާރި ކުރާ މީހެއް

ބައެއް ސަރަޙައްދުގެ ފިނިހޫނުމިން، 42 ޑިގްރީ ސެލްސިއަސްއަށްވެސް ވަނީ އަރާފައެވެ. ވާ ގަދަ ހޫނަށް ކެތް ކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާ އިރު، އާންމުން ތިބީ ކޮންމެ އަގެއް ދީފައިވެސް އޭސީ ގަންނަ ގޮތަށެވެ.

މިދިޔަ ހަފުތާގަ ފިހާރަތަކަށް ގޮސްލިން، އަގުތައް ހުރި ގޮތެއް ބަލައިލަން. އެ ދުވަހު ފިހާރަތައް އޮތީ ހަމަ ފިތިބާރުވެފަ. އެހެންވެ، ފަހުން އަންނަނަމޭ ހިތާ ދިޔައީ. ފައިސާ ހިފައިގެން މިއަދު މި އައީ، އައި އިރު ޔުނިޓެއްގެ އަގު 3000 ޓާކާ ބޮޑުވެފަ މިއޮތީ.
ނަޢީމުލް އިސްލާމް؛ ކަސްޓަމަރެއް
ކޮންމެ ގޮތެއް ހަދާފަވެސް އޭސީއެއް ގަންނަން މި ވިސްނަނީ ހަމަ. އަގުތައް އަރައިގެން ދިޔަޔަސް، އަހަރެން ހަމަ ގަންނާނަން.
މުއްޒައްމިލް ޙައްޤު؛ ކަސްޓަމަރެއް

ކަން މިހެން އޮތް ނަމަވެސް، މިއީ އެންމެނަށް އޮތް ނަޞީބެއް ނޫނެވެ. އަވަށްޓެރި އިންޑިއާގެ ރަށްފުށު ހިސާބުތަކަށް ބަލަމާ ހިނގާށެވެ. ދެކުނު އޭޝިއާ ސަރަޙައްދަށް އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ބާންޏެއް ކުރިމަތިވެފައި ވާ އިރު، އެންމެ ޙާލުގައި ދުވަސްތައް ގުނަމުންދާ އެއް ބަޔަކީވެސް އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ ފަޤީރުންނެވެ.

މި ދޭހާ ގަދަފަދަ އަވިން ސަލާމަތްވާން ވަންނަން، ކޮޅަށް ހުރެލާނެ، އިށީނދެލާނެ ހިޔާ ލިބޭ އެންމެ ތަންފުކެއްވެސް ނެތް އަހަރެމެންކަށް.
ކްރިޝްނާ؛ އިންޑިއާގެ ރަށްފުށު ހިސާބުގަ އުޅޭ މީހެއް

އޮރިއްސާގެ ބައެއް ސަރަޙައްދުގެ ފިނިހޫނުމިން 46.5 ޑިގްރީ ސެލްސިއަސްއަށްވެސް އެރި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. މި ދެންނެވީ ފަހަރެއްގައިވެސް، އިޙްސާސް ކުރެވޭ ހޫނުމިނުގެ ވާހަކައެއް ނޫނެވެ. މޫސުމީ ރެކޯޑްތަކުން ދެއްކި ޢަދަދުތަކެވެ. ގޭތެރޭގައި ގަޑިއެއްހާއިރުވެސް ކެތްކުރުމަކީ ނުވާނެ ވަރުގެ ކަމަކަށްވެއްޖެއެވެ.

ގެތަށް ހަދާފަ މި ހުންނަނީ އެސްބެސްޓޯޒުން. ފުރާޅުތައް މި ހުންނަނީ ދަގަނޑު ޓިނުން. ވަރަށް ހޫނު ދަމާ އެއްޗެއް މީ. އެހެންވެ، ގޭތެރޭގަ، ގަޑިއެއް ހާއިރުވެސް ކެތްކޮށްނުލެވޭ. ހަމަޖެހިލައިގެން ކާއެތިކޮޅެއް ބަނޑަށް ނުލެވެ.
ޕްރަކާޝް ޕްރަދްހާން؛ އިންޑިއާގެ ރަށްފުށު ހިސާބުގަ އުޅޭ މީހެއް

އެސްބެސްޓޯޒްއަކީ ޤުދުރަތީ މިނަރަލުން އުފައްދާ، ހަމަލޮލަށް ނުފެންނަ ފައިބަރެކެވެ.

ޕެކް މަނޯޕާވީރްއަކީ ތައިލޭންޑްގެ ސައެންސްވެރިއެކެވެ. އަދި ޑިޕަރޓްމަންޓް އޮފް މެރިން އެންޑް ކޯސްޓަލް ރިސޯރސަސް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ މުސްތަޝާރެއްވެސްމެއެވެ. އޭޝިއާ ސަރަޙައްދަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އިންތިހާ ގަދަ ހޫނާ ބެހޭ ގޮތުން ޕެކް ދެއްކެވި ވާހަކަތަކުން ކުރިމަތިވަނީ އިތުރު ހާސްކަމާއި ނުތަނަވަސްކަމެކެވެ. ދިރުންތައް ދެމި އޮތުމަށް ނުރައްކާ ވާ ދަރަޖައަށް ކަންކަން ގޯސްވަމުން ދާ ކަމުގެ އިންޒާރު ދެއްވިއެވެ. ޒިންމާ އޮތީ ހަމަ އެކަނި އާންމު ފަރުދުންނަށް ނޫންކަން، ޕެކްގެ ވާހަކަތަކުން އެނގެއެވެ.

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފިނިހޫނުމިން އިތުރުވަމުންދާނަމަ، ޚާއްޞަކޮށް ދެކުނުއިރުމަތީ އޭޝިއާގެ ސަރަޙައްދުތަކުގައި ކުރާނެ އަސަރަކީ ކޮބައިހެއްވެ؟

ދިރުންތަކަށް ދެމިނޯވެވޭ ދުވަސްތަކެއް ކުރިމަތިވަމުން މިދަނީ، އެނގެއެއްނު، އަހަރެމެން އެކަމަށް މާ ބޮޑަށް އަހުލުވެރި ނުވެދާނެ ފަހަރެއްގަ. އަހަރެމެންނަށް ހީވެދާނެ، ގަދަ ހޫނަކީ އަހަރެމެންނަށް މާ ބޮޑު ކަމެއް ނޫނޭ، އެކަމަކު މިހާރު ކުރިމަތިލާން ޖެހިފަ މި އޮތް ގަދަ ހޫނު ބާނިގަނޑާއި، ދިގު މުއްދަތަކަށް ގަދަ ހޫނު ދެމިގެން ދިއުމަކީ، އެކަމުގަ ހުރި ނުރައްކާތައް މީހުންނަށް ވިސްނައިދޭން ޖެހޭނެ ކަމެއްކަމަށް އަހަރެން ޤަބޫލު ކުރަނީ. ހީޓްސްޓްރޯކް ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަނީ އެ އެހާ ވަރަށް. މީ، އަހަރެމެން ދެކުނުއިރުމަތީ އޭޝިއާ މީހުންނަށް ހަމަ އާ ކަމެއް. ރަނގަޅު. އަހަރެމެންނަކީ ހޫނަށް ހޭނިފަ ތިބޭ ބައެއް. އެކަމަކު، މޫސުމީ ނަޒަރަކުން ވިސްނާއިރު، އެ ކަން މި އޮތީ ޙަޤީޤީ ދުނިޔެއަށް ކުރިމަތިވެފައޭ އަހަރެންގެ ހިތް ބުނަނީ.
ޕެކް މަނޯޕާވީރް؛ ތައިލޭންޑްގެ ސައެންސްވެރިއެއް

ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާގެ ޤައުމުތަކަކީ "ހޫނަށް" އާދަވެފައި ވާ ޤައުމުތަކަކަށް ވީ ނަމަވެސް، މިހާރު ތަޖުރިބާ ކުރަމުން މިދާ ފިނިހޫނުމިނަކީ ރެކޯޑެކެވެ. ފަރުވާކޮށްލައިގެން ދޫކޮށްލެވޭ ވަރަށް، އަދުގެ ޙާލަތު މާ ބޮޑަށްވެސް ހައްސާސްވެފައި ނުރައްކާ ބޮޑެވެ. ދިރިއުޅުމުގެ އާދަކާދައަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ. ވެށި ހިމާޔަތް ކުރުމުގެ ކެމްޕޭންތައް މެކުހަށް ޖަހާ ފަދައިން، އިންސާނީ ހަޟާރާތުގެ ދެމި އޮތުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލާ ކުރިމަތިލާން މިއަދު މިވަނީ މަޖުބޫރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް