ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 15:35
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާ
ރާއްޖެއެމްވީ
އިންޑިއާ - ބަންގްލަދޭޝް ގުޅުން
ހަސީނާގެ ވަކިވުން، އިންޑިއާ ބަންގްލަދޭޝްގެ ގާތް ގުޅުމަށް ވާނީ ކިހިނެއް؟
ހަސީނާގެ ވެރިކަން ވެއްޓުމަކީ އިންޑިއާގެ ގާތް މިތުރަކު ގެއްލުމެވެ. އިންޑިއާ އަށް ބަންގްލަދޭޝްގެ މައްޗަށް އޮތް ނުފޫޒް ގެއްލުމެވެ. ވިޔަފާރި އާއި ސިޔާސީ ގޮތުން އިންޑިއާ އަށް އޮތް މަގާމު ބަންގްލަދޭޝް އިން ގެއްލުމެވެ.

އޯގަސްޓް 5 ވަނަ ދުވަހު، ހަފްތާތަކެއް ވަންދެން ސަރުކާރާ ދެކޮޅަށް ހިންގި އެތައް ބަޔަކު މަރުވެގެން ދިޔަ މުޒާހަރާތަކަކަށް ފަހު، އެންމެ ފަހުން އިސްތިއުފާ ދެއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ޑާކާއިން ސިފައިންގެ ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން ވަޑައިގެންނެވި އިރު، އޭނާ ދަތުރުކުރައްވަނީ ކޮންތާކަކަށް ކަން ހަސީނާ އަށް އެނގިވަޑައިގަންނަވައެވެ. އޭނާ ވަޑައިގެންނެވީ އޭނާ ނުހަނު ފަރިތަ ގާތް މިތުރެއްގެ ރައްކައުތެރިކަމަށާއި ހިމާޔަތަށެވެ. އަވައްޓެރި އިންޑިއާ އަށެވެ.

މީގެ ކުރިންވެސް ބޮޑެތި ކަންކަން ޖެހިވަޑައިގަތުމުން އިންޑިއާ އިން ހަސީނާ އަށް ޚާއްސަ އެހީތެރިކަން ވަނީ ދީފައެވެ. 1975 ގައި އޭނާގެ މުޅި އާއިލާ ނައްތާލެވުނު ހަމަލާ އާ ގުޅިގެން ހިމާޔަތައް ހަސީނާ ވަޑައިގަތީ އިންޑިއާ އަށެވެ. ގިނަ އަހަރުތަކެއް ވަންދެން ހަސީނާ އެފަހަރުވެސް ހުންނެވީ އިންޑިއާގެ މެހުމާންދާރީ ހޯއްދަވައިގެންނެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ނިއު ދިއްލީ ކައިރީގައިވާ އެއަރ ފޯސް ބޭސްއަކަށް ޖެއްސިއިރު، އޭނާ ރިސީވް ކުރުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އިސް ފަރާތް ކަމަށްވާ އަޖިތް ދޯވަލް ހުންނެވިއެވެ. ދޯވަލްއަކީ އެހެން ގައުމުތަކާ ބެހޭ ކަންކަން އިންޑިއާ އިން ޖާސޫސް ކުރުމުގައި އިސްދައުރެއް އަދާކުރާ އޭޖެންސީ ކަމަށްވާ ރިސަރޗް އެންޑް އެނަލިސިސް ވިންގް ބަލަހައްޓާ އެންމެ އިސް ފަރާތެކެވެ. މި އޭޖެންސީއަކީ ބަންގްލަދޭޝް އަދި އެހެނިހެން އަވަށްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވިފައިވާ އޭޖެންސީއެކެވެ.

ހަފްތާތަކެއް ވަންދެން ހިނގި މުޒާހަރާތަކުގައި 300 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވުމަށްފަހު ޕްރެޝަރ ބޮޑުވެ އެންމެ ފަހުން ގޮތް ހުސްވެ ހަސީނާ ވަނީ އިސްތިއުފާ ދީފައެވެ. އިންޑިއާގެ ލޯކަލް މީޑިއާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން، ހަސީނާ ވަނީ ހުޅަނގުގެ ޤައުމުތަކުން އަސައިލަމް ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. ކޮންމެ ގޮތެއް ވިޔަސް މިވަގުތައް އޭނާ ހުންނަވާނީ އިންޑިއާގައެވެ.

ހަސީނާގެ ސަރުކާރު ވެއްޓުމާއެކު ބަންގްލަދޭޝްގައި އައު ސަރުކާރެއް އުފެދިއްޖެއެވެ. މިހާރު ބަންގްލަދޭޝް ހިންގަމުން ދަނީ ނޯބަލް ޞުލްޙައިގެ އިނާމު ލިބިފައިވާ އިޤްތިޞާދީ މާހިރެއް ކަމަށްވާ މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރަކުންނެވެ. އެ ސަރުކާރުގައި މިހާރު ތިބީ ހަސީނާގެ ވެރިކަމަށް ނުރުހުންވި ފަރާތްތަކެވެ.

ހަސީނާގެ އިސްތިއުފާއާ ގުޅިގެން މިހާރުވެސް އިންޑިއާ އާއި ބަންގްލަދޭޝް އާ ދެމެދުގައި ފިނިކަމެއް އުފެދިފައިވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އިންޑިއާގެ ލޯކަލް މީޑިއާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ ހައިކޮމިޝަންގައި ކޮންމެހެން ތިބެން ޖެހޭ މުވައްޒަފުން ނޫނީ އެހެން މީހުން ދިއްލީ އަށް މިހާރު ވަނީ ގެނެސްފައެވެ.

ޙަސީނާ ވެރިކަމުން ދުރުކުރެވުނު ހާދިސާއަކީ އިންޑިއާއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމުގައި ބެލެވެއެވެ. ސަބަބަކީ ޙަސީނާގެ ވެރިކަމުގައި ޑާކާއާއެކު އިންޑިއާއިން ވަރަށް ވަރުގަދަ ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ބާއްވަމުން ގޮސްފައިވުމުގެ އިތުރުން ފަހަކަށް އައިސް އިންޑިއާއިން ވަރަށް ބޮޑުތި އިންވެސްޓްމަންޓްތަކެއް އެ ގައުމުގައި ކޮށްފައިވާތީއެވެ.

ބަންގްލަދޭޝްގައި ހަސީނާ ގެންގުޅުއްވަމުން އައީ އިންޑިއާ އަށް ފަހި އިންޑިއާ އަށް ކަމުދާ ސިޔާސަތުތަކެކެވެ. ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އުފެއްދެވި ރަޙްމާން 1981 ގައި އަވަހާރަކޮށްލެވުނު ހާދިސާގެ ފަހުން އޭނާގެ އަނބިކަނބަލުން ޚާލިދާ ޒިޔާ 2006 އާ ހަމައަށް އެކި މުއްދަތުތަކުގައި ޤައުމު ވެރިކަން ކުރެއްވިއެވެ. 2009 ގައި ހަސީނާ އާއި އޭނާގެ އަވާމީ ލީގު ޕާޓީ، ވެރިކަމަށް އައުމާއެކު އިންޑިއާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ ހިންދީން ފަދަ މައިނޯރިޓީންނަށް ރައްކާތެރިކަން ލިބިގެންވާ ސެކިއުލަރ ޑިމޮކްރަސީއެއް ތަމްސީލުކުރާ ޕާޓީއަކަށް ހަސީނާގެ ޕާޓީ ވާތީއެވެ.

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ހަސީނާ ވަނީ ބަންގްލަދޭޝްގެ ތަރައްގީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތަކެވެ. ޚާއްސަ ކޮށް އިންޑިއާގެ އެހީތެރިކަން އެކަންކަމަށް ލިބިގެން ދިޔަކަމީ އެކަންކަން އެގޮތައް ކުރެވިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބެވެ. 1947 ގެ ފަހުން ވަކިކޮށްފައި އޮތް ޑާކާ އާއި އިންޑިއާގެ ކޮލްކަތާ އަދި އަގަރްތަލާ ގުޅުވައިދޭ މަގުތައް އަލުން އާރާސްތުކުރައްވާ ގުޅާލެއްވިއެވެ. އޭނާ ބްރިޖުތައް އަޅުއްވައި، ރޭލްވޭގެ ގުޅުންތައް އަލުން ޤާއިމުކުރައްވައި، ބްރަހްމަޕުތްރާ ކޯރާއި އެކޯރުގައި މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވައި، ދެ ޤައުމު އެއްކޮށްލެއްވިއެވެ. އިންޑިއާ އާއި ބަންގްލަދޭޝްގެ ދެމެދުގައި ސަލާމަތީ އެއްބާރުލުން އިތުރުވެ، ހަސީނާ އިންޑިއާގެ އިރުމަތީ އުތުރުގެ އާސާމް ސްޓޭޓުގައި ހިނގަމުންދިޔަ ދެ ގައުމުގެ ސަލާމަތައް ނުރައްކާވާ ޙަރަކާތްތައް ހުއްޓުވުމަށް އެހީތެރިވެވަޑައިގަތެވެ.

އަނެއްކޮޅުން ހަސީނާ ޗައިނާއާއެކުވެސް ވަރަށް ރަނގަޅު ގުޅުމެއް ބާއްވަވަމުން، އިންޑިއާގެ މަސްލަހަތުތަކަށް އިސްކަންދޭކަން އިންޑިއާއަށް ވިސްނައިދެއްވަމުން ގެންދެވިއެވެ.

އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ ހަސީނާގެ ސަރުކާރާއި އިންޑިއާގެ އަދާނީ ގްރޫޕާ ދެމެދު ކަރަންޓުގެ ދާއިރާގައި ވެވުނު އެއްބަސްވުމަކާ ގުޅިގެންނެވެ. ނަމަވެސް އޭގެ އަނެއް ކޮޅުން ގައުމީ ފެންވަރުގައި އެކަން ވެގެން ދިޔައީ ހަސީނާ އަށް ސިޔާސީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ކަމަކަށެވެ.

މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝަށް އިންޑިއާގެ ޖަރްކަންދްގައި ހުންނަ 1.7 ބިލިއަން ޑޮލަރުގެ ހަކަތަ އުފައްދާ ޕްލާންޓަކުން އުފައްދާ ކަރަންޓު ބަންގްލަދޭޝް އަށް ލިބޭ ގޮތް ހެދިއެވެ. ނަމަވެސް މި އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ. އެއީ އެހެން ވަސީލަތްތަކާ އަޅާބަލާއިރު ބޮޑުކޮށް ކަރަންޓަށް އަގު ދައްކަން ޖެހޭތީއެވެ.

މީގެ އިތުރުން، އަދާނީއާއެކު ވެވޭ ކޮންމެ އެއްބަސްވުމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ތާއީދު ހޯދުމަށް ކުރެވޭ ކަމެއްކަމަށް ބެލެވޭތީ މިކަމާމެދު ވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނެވެ.

އިންޑިއާއަށް ހަސީނާ އަކީ އަގުހުރި ރަހްމަތްތެރިއަކަށް ވެފައި އޮންނާތީ ހަސީނާ އާއި އޭނާގެ ސަރުކާރު ދަމަހައްޓަން އިންޑިއާ އިން އެހީތެރިކަން ދޭ ކަމަށް ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކަށް އޮންނަނީ ގަބޫލު ކުރެވިފައެވެ.

މިގޮތުން މިދިޔަ ޖެނުއަރީ މަހު، ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުގައި ހަސީނާ ބާރުގައި ބެހެއްޓުމަށް އިންޑިއާއިން އިންތިޚާބަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވުނެވެ.

ޖެނުއަރީ މަހުގެ އިންތިޚާބާ ހަމަ އަށް އައި އިރު ފާޑު ކިޔާ މީހުންގެ ނަޒަރުގައި ހަސީނާގެ ވެރިކަމަކީ ޑިމޮކްރަސީގެ ހަމައިން ނެއްޓި ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަ ޖެހިފައިވާ ވެރިކަމެކެވެ. އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ދިޔައީ އާންމު ވަމުންނެވެ.

އާޚިރުގައި އެ އިންތިޚާބު ވެގެން ދިޔައީ އިދިކޮޅު މައި ޕާޓީ ބޮއިކޮޓް ކުރި އިންތިޚާބަކަށެވެ. އެއާ އެކު އެމެރިކާ ހިމެނޭގޮތަށް ގިނަ ފަރާތްތަކުން ބުނީ އެ އިންތިޚާބަކީ "މިނިވަން އަދި އިންސާފުވެރި" އިންތިޚާބެއް ނޫން ކަމަށެވެ.

އިންތިޚާބުން ކާމިޔާބު ހޯއްދަވާ ފަސްވަނަ ދައުރެއް އޭނާ ކަށަވަރު ކުރެއްވިއެވެ. ހުޅަނގުގެ ގައުމުތަކުންނާއި އެމެރިކާ އިން އިންތިޚާބާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، އިންޑިއާއާއި ރަޝިޔާ އަދި ޗައިނާއިން އޭނާއަށް މަރުހަބާ ކިޔައި ތަހުނިޔާ ދެންނެވިއެވެ.

ހަސީނާގެ ވެރިކަމުގައި ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުން ކަމަށް ވެގެން ދިޔަ އޭނާގެ ވެރިކަން ވެއްޓުނު ޔުނިވަރސިޓީ ދަރިވަރުންގެ މުޒާހަރާ ތަކާ ހަސީނާގެ ސަރުކާރުން ކުރިމަތިލީ ގިނަ ބައެއްގެ ނުރުހުން އިތުރަށް އޭނާގެ ސަރުކާރަށް ލިބޭ ގޮތަށެވެ. ބަންގްލަދޭޝްގެ މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ވަޒީފާގެ ފުރުސަތު ކަނޑައެޅުމުގައި އިސްކަންދޭ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އެކަމާ ދެކޮޅަށް ބަންގްލަދޭޝްގެ ދަރިވަރުން ކުރި މުޒާހަރާ ސުލްހަވެރި ކަމާއެކު ފެށުނު ނަމަވެސް، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މަސްރަހް ހޫނުވެ، އެންމެ ފަހުން ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލައި މުޅި ޤައުމަށް މުޒާހަރާ ފެތުރުނު އިރު، ސަރުކާރުން އެކަމަށް ރައްދުދިނީ ހަރުކަށި ފިޔަވަޅުތަކުންނެވެ.

އިންޑިއާ އިން ބަންގްލަދޭޝްގެ ހަމަނުޖެހުންތައް ދިޔައީ ގާތުން ބަލަމުންނެވެ. އިންޑިއާގެ ސަލާމަތީ ތަޖުރިބާކާރުން ފަހުން ހާމަ ކުރި ގޮތުގައި އިންޑިއާގެ ސަލާމަތީ މުއައްސަސާތަކުން ގަބޫލު ކޮށްގެން ތިބީ ހަސީނާ އަށް އޭނާ ސިފައިންގެ މައްޗަށް އޮތް ބާރުގެ ސަބަބުން ހަލަބޮލިކަން ކޮންޓްރޯލުން ބޭރުނުވާނެ ކަމަށެވެ.

ހަސީނާގެ ވެރިކަމުގައި އިންޑިއާއިން އިދިކޮޅު ފަރާތްތަކާ ގުޅުން ބަދަހިކުރަން މަސައްކަތްކުރި ދަނޑިވަޅުތަކެއް ވެސް އައިސްފައިވެއެވެ. އެއީ ހަސީނާގެ ސަރުކާރު ވެއްޓިއްޖެނަމަ، އިންޑިއާ ބާކީ ވެގެން ހިނގައިދާނެ ކަމުގެ ވިސްނުމުގައެވެ. އެހެންނަމަވެސް، އެކަމުގައި ހަސީނާ ދެއްކެވީ އޭނާގެ ސިޔާސީ ވިސްނުން އިންޑިއާ އަށް ވުރެ ކުރީގައި އުޅޭ ކަމެވެ. އިންޑިއާގެ އެއްވެސް ސަފީރަކަށް އިދިކޮޅު ބީ.އެން.ޕީގެ ލީޑަރު ޚާލިދާ ޒިޔާއާ ވާހަކަދެއްކުމުގެ ފުރުޞަތެއް އޭނާ ނުދެއްވައެވެ. ހަސީނާގެ އަކީ އެންމެ ގާތުގައި ތިބޭ މީހުންވެސް ވާހަކަ ދައްކަނީ ކޮންކޮން ފަރާތްތަކަކާތޯ އާ ދައްކަނީ ކޮން ވާހަކައެއްތޯ ވަރަށް ގާތުން ބައްލަވާ ބޭފުޅެއް ކަމަށްވެއެވެ.

ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި އިންޑިއާ އަށް ރަހްމަތްތެރިން ގެއްލެނީ އެހެން ގައުމުތަކަށް އިންޑިއާ ގަބޫލު ކުރާ ހަމަތައް ފައްތަން އުޅުމެވެ. އިންޑިއާ ޤާނޫނު އަސާސީގައި ބުނާ ސެކިއުލަރ ޑިމޮކްރަސީއަކުން ހިންދޫ ދީނަށް ބުރަވާ ސިޔާސަތުތަކަށް އެހެން ގައުމުތައް އަނބުރަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެން ދަނީ އިންޑިއާ އާ އެގައުމުގެ ރައްޔިތުން އާޚިރުގައި ފެޔަށް ދިއުމެވެ. އަނެއްކޮޅުން އިންޑިއާގައި ހިންދޫންނާ އެހެން ދީން ތަކުގެ މީހުންނާ ޚާއްސަކޮށް މުސްލިމުންނާ މެދު ގެންގެޅޭ ތަފާތު ކުރުންތައް އެހެން ގައުމުތަކަށް ވެސް އޮންނަނީ ފެންނާށެވެ.

2021 ވަނަ އަހަރު މޯދީ ޑާކާއަށް ޒިޔާރަތް ކުރެއްވި އިރު، ބޮޑުވަޒީރު މޯދީ އާ ދެކޮޅަށް އިހުތިޖާޖުތައް ފެށި، މަދުވެގެން 12 މީހުން މަރުވިއެވެ. ބަންގްލަދޭޝްގެ ރައްޔިތުން އިހުތިޖާޖުކުރީ އިންޑިއާގައި މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، މުސްލިމުންނަށް އިންޑިއާގެ ރައްޔިތުކަން ދިނުމުގައި ގެންގުޅޭ ބޭއިންސާފު ސިޔާސަތާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

އިންޑިއާ އަށް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ބަންގްލަދޭޝްގައި ޚަލީދާ ޒިޔާގެ ބީއެންޕީ ސަރުކާރެއް އައުމެވެ. އެފަދަ ސަރުކާރަކުން ހަސީނާގެ އަވާމީ ލީގު އެކަހެރިކުރަން މަސައްކަތްކުރުމުގެ ބިރު އެބައޮތެވެ. މިފަދަ ސަރުކާރަކުން 170 މިލިއަން މީހުންގެ ބަންގްލަދޭޝްގެ އާބާދީގެ 8 އިންސައްތަ އަށްވުރެ ގިނަ އަދަދެއް ހިއްސާކުރާ އަދި އާންމުކޮށް އަވާމީ ލީގަށް ތާއީދުކުރާ ހިންދޫ މައިނޯރިޓީއަށް ނޭދެވޭ އަސަރުކުރާނެ ކަމުގެ ކަންބޮޑުވުން އިންޑިއާ އަށް އެބައޮތެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ޕާކިސްތާނާއި ޗައިނާއިން ވާކަމަށް ބުނެ، އަދި މުޒާހަރާތަކާ ގުޅިގެން ހިންދޫ މައިނޯރިޓީއަށް ކުރިމަތިވި ހަމަލާތައް ބޮޑުކޮށް ދެއްކުމަށް ބައެއް އިންޑިއާ ނޫސްތަކުން މަސައްކަތް ކޮށްފައިވެއެވެ. އިންޑިއާގެ މީޑިއާގެ މަގްސަދަކަށް މިކަމުގައި އޮތް ކަމަށް ފެންނަނީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ސެކިއުލަރ އުސޫލުތައް ދަމަހައްޓާ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތް ބަންގްލަދޭޝް އިސްލާމީ ދައުލަތަކަށް ބަދަލުކުރަން ޕާކިސްތާން އަޑީގައި އޮވެގެން މަސައްކަތް ކުރާކަން ދުނިޔެއަށް ދެއްކުމެވެ.

އަލްޖަޒީރާއިން މިނިވަން ގޮތެއްގައި ކަށަވަރުކޮށްފައިވާ ގޮތުގައި ޙަސީނާ ވެރިކަމުން ދުރުކުރެވުނު ފަހުން ހިނގި ހަމަނުޖެހުންތަކުގައި ދެ ހިންދޫއެއް (ފުލުހުންގެ އޮފިސަރަކާއި އަވާމީ ލީގުގެ އެކްޓިވިސްޓެއް) މަރާލާފައިވެއެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުން ހިންދޫ ގޭބިސީތަކަކަށް ހަމަލާދީ ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ކޮށްފައެވެ. ހިންދޫ ލީޑަރަކު އަލްޖަޒީރާއަށް ވާހަކަ ދައްކަމުން ބުނެފައިވަނީ މި ހަމަލާތަކަކީ ސިޔާސީ ގޮތުން ބާރުއަޅައިގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

ވަގުތީ ކެބިނެޓުގެ ފުރަތަމަ ރަސްމީ ބަޔާނުގައި އާދިއްތަ ދުވަހު ބުނެފައިވަނީ މި ހަމަލާތައް "ވަރަށް ބޮޑު ކަންބޮޑުވުމާއެކު ފާހަގަކުރެވިފައިވާ" ކަމަށެވެ. އަދި "މި ނުބައި ހަމަލާތަކަށް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި އެހެނިހެން ކަމާގުޅޭ ގްރޫޕުތަކާއެކު ވަގުތުން ބައްދަލުކޮށް މަޝްވަރާ ކުރާނެ" ކަމަށް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ދަރިވަރުން ދަނީ ބައެއް ފަރާތްތަކުގެ އަނިޔާވެރިކަން ދީނާ ގުޅުވިޔަ ނުދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑާކާއާއި އެހެނިހެން ސަރަޙައްދުތަކުގައި ޒުވާން ދަރިވަރުން މަންދިރުތައް ބަލަހައްޓަމުންދާ މަންޒަރުގެ ފޮޓޯތަކުން އިންސްޓަގްރާމް ވަނީ ފުރާލާފައެވެ.

ނަމަވެސް ހިންދޫންނަށް އަމާޒުވާ ގޮތައް ހިނގާ ކޮންމެ ކަމެއް ވެފައި އޮންނަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ހަރުކަށި ފަރާތްތަކުން އެމީހުންގެ އެޑްވާންޓޭޖަށް ކަންކަން ކުރަން ލިބޭ ހިތްވަރަކަށެވެ. ސިޔާސީ ތަޖުރިބާކާރުންގެ ނަޒަރުގައި ބަންގްލަދޭޝްގެ ހާދިސާ ތަކުންވެސް ހިންދޫންނާއި މުސްލިމުންނަކީ އެކުގައި ނޫޅެވޭނެ ބަޔެއްކަމުގެ ހެކި ދެއްކުމާއެކު އެކަން ހައްލު ކުރަން ކަމަށް ބުނެ އިންޑިއާގެ ސިޓިޒަންޝިޕް ގާނޫނު އެމޭރުމުން ގެނައުމެވެ.

ހަސީނާގެ ވެރިކަމުގެ ނިމުން އަޔަސް އިންޑިއާ އަކަށް ބަންގްލަދޭޝް އާ ވަކިވެވޭނެ ގޮތެއް ނެތެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު އަހަރަކު 13 ބިލިއަން ޑޮލަރަށް އަރައެވެ. އޭގެ އިތުރުން ހަސީނާގެ ވެރިކަން ނިމުނު އިރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަން ފެށުމަށްވެސް އޮތީ ތައްޔާރުވެފައެވެ.

ހަސީނާ މިހާރު ވެރިކަމުން ދުރުވުމާއެކު، އިންޑިއާއަށް ބަންގްލަދޭޝްގެ މައްޗަށް އޮތް ނުފޫޒު މިވަގުތައް ވަނީ ގެއްލިފައިވެއެވެ. އަދި މިވަގުތު އިންތިޚާބެއް ނުބޭއްވުން އެއީ އިންޑިއާ އިން އުއްމީދު ކުރާ ގޮތް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އަމިއްލަ އަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި އިދިކޮޅު ލީޑަރު ބީއެންޕީގެ ޠާރިޤު ރަޙްމާން ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް އޭނާގެ ޕާޓީން ބުނެފައިވާތީއެވެ.

މިވަގުތައް އިންޑިއާ އަށް އޮތް ގޮތަކީ އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔާމް ސަރަން އިންޑިއަން އެކްސްޕްރެސް ނޫހުގައި ލިޔުއްވާފައިވާ ފަދައިން "ކަންތައްތައް ވަމުންދާ ގޮތް ބަލަމުންދާކަމަށް ބުނުމާއި، ގާތް އަދި މުހިންމު އަވައްޓެރި ޤައުމެއްގެ ރައްޔިތުންނާ މެދު އިންޑިއާގެ ރަޙްމަތްތެރިކަން އޮތްކަން ތަކުރާރުކޮށް ބުނަމުން ގެންދިއުމެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް