ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގެ ފްރޮންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން ވަމުންދާ ޤުރުބާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޝުކުރު އަދާ ކުރައްވައިފި އެވެ.
ބުދަ ދުވަހުގެރޭ ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން ވަމުންދަނީ ވަރަށް ބޮޑު ޤުރުބާނީއެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޢާއިލާތަކުންވެސް ކެތްތެރިކަމާއެކު ގޭގައި މަޑު ކުރުމަށް ރައީސް ޞާލިޙު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިވަގުތުވެސް އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ކޮވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީ. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި އެޗް.ޕީ.އޭއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ކެޑޭޓް ކޯރޕްސް އާއި ސްކައުންޓުންނާއި ގާރލް ގައިޑުން އަދި ރެޑް ކްރެސެންޓާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް ޞާލިޙު އެހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ކޮވިޑް-19 ގެ މަސައްކަތުގައި އިސްސަފުގައި ޙަރަކާތްތެރިވާ މީހުންގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 199ށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން، އެހެނިހެން ދާއިރާތަކުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭކަމަށް އެޗްޕީއޭއިިން ބުނެއެވެ.
މާލެ ސިޓީގައި ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުން ދާއިރު، ރާއްޖެއިން މިހާތަނަށް 1100ށް ވުރެ ގިނަ މީހުން ވަނީ މި ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.