ރާއްޖޭގެ ބޯޑަރު ހުޅުވުމަށްފަހު ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ޕީސީއާރު ޓެސްޓެއް ހަދަން ހިމަނާ އެ ޓެސްޓް ހެދުމަށް 100 ޑޮލަރުގެ ފީއެއް ނެގުމަށް ސޭފް ޓުއަރިޒަމް ގައިޑްލައިން ޑްރާފްޓްގައި ހިމަނައިފި އެވެ.
މި ގައިޑްލައިންގެ 2 ވަނަ ބައިގައި ހިމެނެނީ އެއަރޕޯޓަށް އައުމަށްފަހު ފަތުރުވެރިންނާ މެދު އަމަލުކުރަންޖެހޭ ގޮތްތަކެވެ. އެގޮތުން މީހުންނާއި، ލަގޭޖާއި ޓްރެވަލް ޑޮކިއުމެންޓްރީ ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. އަދި އެންމެ ފުރަތަމަ ފަތުރުވެރިންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި ނޭވާލާނިޒާމުގެ ބަލީގެ އެއްވެސް އަލާމާތެއް (ކެއްސުން، ނޭފަތުން ފެންފޭބުން، ނޭވާ ކުރުވުން) ފަދަ އަލާމާތެއް ހުރިތޯ ބަލަން ޖެހެ އެވެ.
މީގެ އިތުރުން އަންނަ ކޮންމެ ފަތުރުވެރިއެއް ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރާއްޖޭގައި މިހާރު ކުރަމުން އަންނަ ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. އަދި އެކަމަށް 100 ޑޮލަރުގެ ފީއެއް ނަގަން ވަނި ހިމަނާފައެވެ.
އަދި އަންނަ ފަތުރުވެރިން ނުވަތަ ފަސިންޖަރުން އަދި އެއަރޕޯޓް ސްޓާފުންގެ ދެމެދުގައި 1 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި، މާސްކް ބޭނުން ކުރުމާއި ހޭންޑް ސެނިޓައިޒާ ބޭނުން ކުރަންޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއަރޕޯޓްގެ ސްޓާފުން ފޭސް ޝީލްޑް ބޭނުން ކުރުމާއި، ހުރިހާ ގަޑިއެއްގައި އަންގި ބޭނުން ކުރުމާއި، ޝިފްޓް ނިންމުމަށްފަހު ޑިސްއިންފެކްޓް ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ލަގެޖް ނަގަން ހަމަޖެހިފައިވާ ތަނުގައި 1 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި އަލްކަހޯލް ރަބް ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމާއި އަންގި ލައްވައިގެން އުޅުމަށް ވަނީ ބުނެފަ އެވެ. އަދި އެއްފަހަރު ބޭނުންކުރާ އަންގި ދެވަނަ ފަހަރަށް ބޭނުން ނުކުރުމާއި، ރައްކާތެރިކަމާއެކު އަންގި ނައްތާލުން ނުވަތަ ޑަސްބިނަށް ލުމަށް ވަނީ މި ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.
އެއަރޕޯޓުގައި ބޭނުންކުރާ ޓްރޯލީތައް ކަސްޓަމަރުން ބޭނުންކޮށް ނިމުމުން ޑިސްއިންފެކްޓް ކުރުމާއި، ބޭނުންކޮށްފައިވާ ޓްރޯލީއާއި ބޭނުން ނުކުރާ ޓްރޯލީތައް ވަކިން ބެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދެވިފައި ވެއެވެ.
މި ގައިޑްލައިންގައި ފަތުރުވެރިން އާންމުކޮށް ބޭނުންކުރާ ތަންތަނުގައި އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު ވަނި ހިމަނާފަ އެވެ. އެގޮތުން އެފަދަ ތަންތަނުގައި 1 މީޓަރުގެ ދުރުމިން ބެހެއްޓޭނެގޮތެއް ހެދުމާއި، ފާހާނާ ނުވަތަ ވޮޝް ރޫމްގައި އަތްލެވޭ ތަންތަން ގިނަ ގިނައިން ޑިސްއިންފެކްޓް ކުރުމާއި، ފާހާނާތަކުގައި ޓިޝޫ ފަދަ ތަކެތި ބޭނުންވާ ވަރަށް ބެހެއްޓުން އަދި އަތް ހިއްކާ ހީޓަރު އަދި ދިޔާ ސައިބޯނި ހުންނަންވާނެ ކަމަށް ބުނެފައި ވެއެވެ.
މިބައިގައި ދެން ހިމެނެނީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ފަތުރުވެރިން ބަލާ އަންނަ އިރު އަމަލުކުރަން ޖެހޭ ގޮތްތަކެވެ. އެގޮތުން އެތަނަކަށް އަންނަ ހުރިހާ ފަތުރުވެރިން ޖެހޭނީ ދާން ކަނޑައަޅާފައިވަ ތަނެއް ތަމްސީލްކުރާ މީހަކާއި ބައްދަލުވާށެވެ. އަދި ޗެކިންވާން ޖެހޭ އެންމެ އަސާސީ މައުލޫމާތު އެތަނުން ލިބޭނެ ގޮތް ހަދަންވާނެ ކަމަށާއި، ލަޖޭގްތައް ހަމަކޮށް ޓެގް އެޅުވުމުގެ އިތުރުން ސްޓާފުންނާއި ކޮންޓެކްޓް ނުވާނެ ގޮތަކަށް އަންގި ލައްވައިގެން ރައްކާތެރިކަމާއެކީގައި އެ ގެންދިއުމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރިސޯޓުން ފަތުރުވެރިން ނަގަން އައިސް ތިބޭ މުވައްޒަފުން ޖެހޭނީ މާސްކާއި އަންގި ލައްވައިގެން ކަމަށާއި، ސެނިޓައިޒާ ގެންގުޅެންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.