މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުން އަންނަ ހުކުރު ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
އަންގާރަ ދުވަހު ޑީޖޭއޭއިން ނެރުނު ސަރކިއުލަރެއްގައި ބުނެފައިވަނީ، މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހެކިބަސް ދެވޭނެ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ރަށްރަށުން ހަނދު ސާބިތު ކުރަން ބޭނުންވާ ފަރާތްތަކުން އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ވަނީ އަންގާފައެވެ.
ޑީޖޭއޭއިން ބުނީ، މެޖިސްޓްރޭޓް ޤާއިމުވެފައި ނެތް ރަށެއްގައި ނަމަ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން، މާލޭގައި ނަމަ 7704777ށް ގުޅައި، އެ މައުލޫމާތު ޑީޖޭއޭއާ ހިއްސާ ކުރުމަށްފަހު، ޑީޖޭއޭއިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ގާޞީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ މައުލޫމާތުތައް ހިއްސާކުރާއިރު، ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން ހަނދު ސާބިތު ކުރުމަށް ހެކިބަސް ނެގުން 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 06:00ން ފެށިގެން އިރުއޮއްސި 07:30ށް ކުރިއަށްދާނެކަން ފާހަގަ ކޮށްފައިވެއެވެ.
ޑީޖޭއޭއިން ބުނީ، ޝައްވާލު މަހުގެ ހަނދު ސާބިތުވާނީ އެ އަހަރެއްގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރެއަކީ އިރު އޮއްސުމުގެ ފަހުން ދިވެހިރާއްޖެއަށް ހަނދު ލައްވާލި ރެއެއްކަން ފަލަކީ ހިސާބުން ދައްކާކަމުގައިވާނަމައެވެ.