ޅ. އަތޮޅުން އައްޑު ސިޓީއަށް ނެރުނު ޔެލޯއެލާޓްގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި، ވިލާގަނޑުގައި ގަޑުއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.
މި ސަރަހައްދަށް ޔެލޯ އެލަރޓް އިތުރުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 6:00 ން 9:00 އަށެވެ. އާދީއްތަ ދުވަހުގެ އިރާކޮޅުވެސް މި ސަރަހައްދަށް މުސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރިފައި ވެއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ދަންވަރު 2:00 އާ ހަމައަށް އެ އެލަރޓްގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް ދަންވަރު 2:00 ން 6:00 ށް އެލަރޓްގެ މުއްދަތު އިތުރުކުރި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ އަދި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.