ވަރލްޑް ހެލްތް އެސެމްބްލީގެ ވަރޗުއަލް ބްރީފިންގ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމަކީ، ކޮންމެ އަހަރަކު ޖެނީވާގެ ސްވިޒަރލޭންޑް ގައި ބާއްވާ ވާރލްޑް ހެލްތް އެސެމްބްލީ އަށް ދިވެހިރާއްޖޭގެ ވަފްދު ފުރާވައިގަތުމުގެ ކުރިން ޑަބްލިއުއެޗްއޯ މާލެ އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.
މިއަހަރުގެ ވަރލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން 18 މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި އަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާއި ގުޅޭގޮތުން މަޝްވަރާކުރުމާއި، ޤަޢުމުތައް އެކުވެގެން ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް ވިދާޅުވީ މި އަހަރުގެ ވާރލްޑް ހެލްތް އެސެމްބްލީއަކީ ޑަބްލިއުއެޗްއޯގެ ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ވާރޗުއަލްކޮށް ބޭއްވޭ އެސެމްބްލީކަމާއި، މިގޮތަށް ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހުމުން ޤަޢުމުތަކުން ގިނަ އަދަދެއްގެ މެމްބަރުންނަށް ބައިވެރިވެ ވަޑައިގެންނެވޭނެކަން ފާހަގަކުރެއްވި އެވެ.
އަދި ހަމަ އެހެންމެ، ރާއްޖެއިން ބައިވެރިވި 18 މެމްބަރުންގެ ވަފްދަކީ ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އެންމެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ފަހަރުކަން ފާހަގަކުރެއްވި އެވެ. މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ނުކުރެވޭ އެހެނިހެން ޓެކްނިކަލް ދާއިރާތަކާ ބޭހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ޖެނީވާގެ ސްވިޒަރލޭންޑް ގައި ބޭއްވޭ ވަރލްޑް ހެލްތް އެސެމްބްލީގަ އެވެ.