ފަހުން ފެންނަ ކޮވިޑް-19 ގެ ކޭސްތަކުގެ ކޮންޓެކްޓްސްގެ އަދަދު ބޮޑުތަނުން މަދުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރު ނަޒުލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ފުރަތަމަ ފެންނަން ފެށި އިރު ގިނަ ކޮންޓެކްޓްސްތަކެއް ފެންނަމުން ދިޔަ ކަމަށެވެ. މީގެ ކުރިން ފެނުނު އެއް ކޭސްއެއްގެ ކޮންޓެކްޓްސް 500ށް ވުރެ ގިނަ ކަމަށް ޑޮކްޓަރުންގެ ޓީމުން ހާމަކޮށްފައި ވެއެވެ.
ލޮކްޑައުންގެ ފަހުން ޕޮޒިޓިވްވެގެން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ސަބަބު އޮޅުންފިލުވައި ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އެއީ ޓެސްޓް ކުރެވޭ މިންވަރު އިތުރުވުމުން ކަމަށެވެ. މިހާރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓްސް މަދުކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެއީ ލޮކްޑައުން ކުރުމާއި ގުޅިގެން އައިސްފައިވާ ބަދަލެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ 66 ކޭސްގެ 1868 ކޮންޓެކްޓްސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ޖެހިގެން އައި ހަފުތާގައި 191 ކޭސްގައި 1972 ކޮންޓެކްޓް ފާހަގަވި އިރު، އޭގެ ޖެހިގެން އައި ހަފުތާގައި 341 ކޭހުން 1261 ކޮންޓެކްޓްސް ފެނުނު ކަމަށެވެ. މިދިޔަ ހަފުތާގައި 337 ކޭސް އިން ފެނިފައި ވަނީ 914 ކޮންޓެކްޓްސް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.