ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ޖަލު އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނީ، މިއީ ކަރެކްޝަންސްއާއި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގުޅިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން އައްސޭރި ޖަލުގައި މަސައްކަތް ކުރަމުންދާ ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގާފައިވާކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
އަދި މިއީ ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި ކުރަމުންދާ މަސައްކަތެއްކަން ކަރެކްޝަންސްއިން ފާހަގަ ކޮށްފައި ވެއެވެ.
މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 25 މީހެއްގެ ސާޕަލް އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އެގޮތުން މި 37 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނަށް ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ނަގާފައިވާނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
ކަރެކްޝަންސްއާއި އެންއީއޯސީ ގުޅިގެން މީގެ ކުރިން ވަނީ މާފުށީ ޖަލުގައި ތިބި ޤައިދީންނާއި އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނަގާފަ އެވެ. އަދި އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮމިއުނިޓީ ސްޕްރެޑް ސަރވޭއެއްވެސް ފަށާފަ އެވެ. އެގޮތުން މާލެއިން ފުރަތަމަ ކޭސް އެއް ފެނުމުގެ ތިން ހަފުތާއެއް ކުރިން ޢާންމުންގެ ތެރޭގައި ބަލި ފެތުރެން ފަށާފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފައިވާއިރު، އެއާ ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެކި ޞަރަޙައްދުތަކުގައި ކުރިއަށް ދެއެވެ.
މީގެ ކުރިންވެސް މާލޭ ޞަރަޙައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޯޕީޑީއަށް ދާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަަކާއި، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޤާއިމުކޮށްފައިާ ފްލޫ ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލް ނަގާފައި ވެއެވެ.