ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފިއެވެ.
300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.
އެ ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ގެނައިކަން ހާމަކޮށްފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ.
މޯލްޑިވިއަނުން ބުނީ ބަންގުލަދޭޝްގެ ބިމާން އެއަރލައިނުން މި ތަކެތި ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ގެނެސްފައިވާއިރު ސިއްހީ ބައެއް ސާމާނުވެސް ގެނެސްފައިވާ ކަމަށެވެ. ބިމާން އެއަރލައިންގެ ފުލައިޓެއް ރާއްޖެ އައިސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އިން ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ހޮނިހިރު ދުވަހު ދެ ފްލައިޓެއްގައި މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ.
އެންއިއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު މީގެ ކުރިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުމުން އެ މަސައްކަތް ނުނިމި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމުކުރާ ފެސިލިޓީއަށް 40 މިލިއަން ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެތަނުގެ މަސައްކަތް ނިންމުމަށް ކުރިން ރޭވިފައިވީ ނަމަވެސް އެތަނުގައި މަސައްކަތް ކުރި ބިދޭސީންތަކަކާއި ސިފައިންގެ އޮފިސަރުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތް މަޑުޖެހުނެވެ.
މެޑިކަލް ފެސިލިޓީއަށް ޚަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެތަނުގެ ކޮންސްޓްރަކްޝަނަށްދާ ޚަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ ޞިއްޙީ އާލާތްތަކަށް ޚަރަދު ކުރާ ފައިސާއެވެ.