މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އެންމެ އިސްކަންދޭންވީ މީހުންގެ ލިސްޓް ތަރުތީބު ކުރުމަށް ކައުންސިލަތްކަށް ފޮނުވައިފިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބުނީ މާލެ ސަރަޙައްދުގައި ޤާއިމްކުރާ ލޮކްޑައުން ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ކޮޓަރި ކަމަށެވެ. އަދި މި ޖާގައަށް އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށްވެސް އަދަދުތަކެއް ކަނޑައަޅައި އެ އަދަދުތައް އަތޮޅު ކައުންސިލްތަކާ ހިއްސާކޮށްފައި ކަމަށް އެލްޖީއޭ ބުނެއެވެ.
އަދި ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިސްކަންދޭ ތަރުތީބު ފާހަގަކޮށް، ލިސްޓުގައި މިހާރު ތިބި ފަރާތްތަކަށް ވުރެ ހާލަތު ދައްކަމަށް ފާހަގަ ކުރެވިފައިވާ ފަރާތެއްވާނަމަ، އެފަރާތްތަކަށް ހިމަނައިގެން ލިސްޓް ތަރުތީބުކުރުމަށް ފަހު ލިސްޓް އެ އޮތޯރިޓީއަށް ފޮނުވުމަށް އަތޮޅު ކައުންސިލްތަކަށް އަންގަފައިވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އެލްޖީއޭއިން ބުނީ މި ވަގުތު ކަރަންޓީން ފެސިލިޓީ ހުރި ނިސްބަތައް ބަލައި މީހުން ފޮނުވުމުގެ ކަންކަން ކުރިޔަށްދާނީ ކައުންސިލުން ފޮނުވާ އިސްކަންދޭ ތަރުތީބަށް ބަލައިންގެން ކަމަށެވެ. އަދި މި ލިސްޓްގައި ހިމެނޭނީ ކައުންސިލްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރަށަށް ދިޔުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން ގެޒެޓްކޮށްފައިވާ މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބުގެ ތެރެއިން މައިގަނޑު ތިން ކަންކަމަށް ބަލައިގެންނެވެ.
މީގެ ތެރޭގައި ހިމެނެނީ އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންއެސްޕީއޭ) ގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް މަލޭއައިސް އެބުރި ރަށަށް ނުފުރާފައިވާ ފަރާތްތަކާއި، ޢުމުރުން 5 އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް ނުވަތަ ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، ޢާއިލާގެ މީހުން، އަދި ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތަކެވެ.
މީގެ އިތުރުން ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް އަދި ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން ހިމެނެއެވެ.
އަދި ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކާއި ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ލޮކްޑައުންގެ ސަބަބުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް މި ލިސްޓްގައި ހިމެނެއެވެ.