އަލުވިން ތައްޔާރުކުރާ ބާވަތްތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ބާވަތްތަކެކެއެވެ. ރިހަ ކެއްކުމުން ފެށިގެން ހެދިކާގެ ބާވަތްތަކަށް ވެސް އަލުވި ބޭނުން ކުރެއެވެ. މިފަހަރު މި ތައްޔާރުކޮށްލަނީ ކްރީމީ ޗިކަން ޕޮޓޭޓޯ އެވެ. ރަހަ ވަރަށް މީރުވާނެއެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 1 އަލުވި (ބޮޑު، ތޮށި މަށާފައި)
  • 400 ގްރާމް ކުކުޅު (ކިއުބްކޮށް ކޮށާފައި)
  • 1 ޓޯމާޓޯ (ކުދިކޮށް ކިއުބްކޮށް ކޮށާފައި)
  • ލޮނު (ރަހަލާވަރަށް)
  • 1 ފިޔާ (ތުނިކޮށް ދިގަށް ކޮށާފައި)
  • 2 ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 ސަމުސާ ބަޓަރު
  • 2 ސަމުސާ ފުށް
  • 1 ޖޯޑު މިލްކު
  • ޗީޒް
  • އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް:

ބޯތައްޓެއްގެ ތެރެއަށް އަލުވި ފޮތިކޮށް ކޮށާލާށެވެ. ދެން އޭގެ ތެރެއަށް އޮލިވް އޮއިލް، ލޮނު، އަސޭމިރުސް އަޅާލައިގެން އަލުވިތައް ފުނޑުނުވާނެ ގޮތަށް އެއްކޮށްލާށެއެވެ. އެހެން ޓްރޭއެއްގައި އަލުވި ފޮތިތައް ވަކި ވަކިން އަތުރާލާށެއެވެ.

އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮ ފޮދެއް އަޅައިގެން ފިޔާކޮޅު މޯޅި ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅު، ލޮނު، އަސޭމިރުސް އަޅައިގެން އެއްކޮށްލާށެވެ. ކުކުޅުތައް ރޯފިލަން ފެށުމުން އޭގެ ތެރެއަށް ރޯ ޓޯމާޓޮއާއި ޓޮމާޓޯ ޕޭސްޓް އަޅާ އެއްކޮށްލާށެވެ. މިގޮތަށް 20 މިނެޓް ވަންދެން ކައްކާލާށެވެ. ކައްކާ ނިމުމުން ޓްރޭގައި ފަތުރާލާފައި ހުރި އަލުވީގެ މައްޗަށް އަޅާލާށެވެ.

ދެން ކްރީމް ސޯސް ތައްޔާރުކުރުމަށް ތެއްޔެއްގެ ތެރެއަށް ބަޓަރު އަޅާ ދިޔާކޮށްލާށެއެވެ. އޭގެ ތެރެއަށް ފުށް ކޮޅު އަޅާ، އެއްކޮށްލުމަށް ފަހު، އޭގެ ތެރެއަށް ބޮޑު އެއް ޖޯޑުގެ ކިރު އަޅައިގެން އެއްކުރަމުން ދާށެއެވެ. ހުއްޓާނުލާ ކިރު އޮލަވަންދެން ހަލާށެއެވެ. އޮލަވުމުން އަލުވި މަސް ޓްރޭގެ މައްޗަށް ސޯސްގަނޑު އަޅާލާށެވެ. ދެން 30 މިނިޓް ވަންދެން 180ޑިގްރީގައި އަވަނުގައި ފިހެލާށެއެވެ. ފިހެނިމުމުން އޭގެ މައްޗަށް ޗީޒް ގޭނުމަށް ފަހު، ޗީޒްތައް ދިޔާ ވަންދެން 10 މިނިޓް އަވަނުގައި ބަހައްޓާށެވެ.

- ކޮމެންޓް