ކުރިއަށް އޮތް 2 ހަފުތާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައި ވާތީ ށ. ފުނަދޫގައި ޚާޢްޞަ އުޞޫލަކުން ޢަމަލުކުރަން ފަށައިފިއެވެ.
ފުނަދޫ ކައުންސިލުން ބުނީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ނުރައްކާ ބޮޑުވަމުން ދާތީ އަދި ކުރިއަށް އޮތް ދެ ހަފުތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފުތާ ކަމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވާތީ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން ބުދަ ދުވަހުގެ މެންދަމު 12 ން ފެށިގެން ޚާޢްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަވީރު 04:00ން ރޭގަނޑު 11:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވާ ގެއިންބޭރަށް ނުކުތުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ބޭނުމެއްގައި ނުކުންނައިރު ބާޒާރު ކާޑު އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރޭގަނޑު 11:00ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި، ގެއިން ބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792237 އަށް ގުޅުއްވާ ޚާއްޞަ ހުއްދައެއް ހޯދައިގެންކަމަށް ބުނެފައި ވެއެވެ. އަދި މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ އިރު، ގުރޫޕް ހަދައިގެން ބޭރަށް ނުކުތުމާއި، ޢާންމު ތަންތަނަށް އެއްވެ އުޅުން ވަނީ ވަކިގޮތެއް އަންގަންދެން މަނާކޮށްފައެވެ.
މި މުއްދަތުގައި ފިހާރަ ތަކުން ޚިދުމަތް ހޯދުމުގައި ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި އެއްފަހަރާ 2 މީހުންނަށްވުރެ އިތުރަށް ފިހާރައަށް ނުވަނުމާއި ކައުންސިލްގެ ހުއްދައެއް ނެތި ރަށަށް އެރުމާއި، އެހެން ރަށަކަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.