ކޮވިޑް-19 އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޤާއިމު ކުރަމުންދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލަން 2 ހަފުތާ އަދި ނަގާނެ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.
300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ އެ މަސައްކަތް ނިންމަން ބޭނުންވީ މުއްދަތަށް ނިންމިފައި ނުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުމުން އެ މަސައްކަތް ނުނިމި ލަސްވި ކަމަށެވެ. ނަމަވެސް އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމުކުރާ ފެސިލިޓީއަށް 40 މިލިއަން ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެތަނުގެ މަސައްކަތް ނިންމުމަށް ކުރިން ރޭވިފައިވީ ނަމަވެސް އެތަނުގައި މަސައްކަތް ކުރި ބިދޭސީންތަކަކާއި ސިފައިންގެ އޮފިސަރުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތް މަޑުޖެހުނެވެ.
މެޑިކަލް ފެސިލިޓީއަށް ޚަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެތަނުގެ ކޮންސްޓްރަކްޝަނަށްދާ ޚަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ ޞިއްޙީ އާލާތްތަކަށް ޚަރަދު ކުރާ ފައިސާއެވެ.