ޖަލު ބަންދުގައިވާ ޤައިދީންގެ ތެރެއިން މިހާތަނަށް ޕެރޯލްއާއި ކްލެމެންސީ ހަމަވެފައި ތިބި ފަރާތްތަކަށް ލަސްނުކޮށް އެ ފުރުޞަތު ފަހި ކޮށްދިނުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑެ ޖެންޑަރ ކޮމިޓީން ގޮވާލައިފިއެވެ.
ކޮވިޑް-19ގެ ޙާލަތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޖަލުގައި ތޮއްޖެހުން ޙައްލު ކުރުމަށްޓަކައި މިވަގުތަށްވެސް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި ކޮވިޑް-19 ފެތުރިއްޖެ ޙާލަތެއްގައި ޖަލުތަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުގެ އާބާދީކަން ފާހަގަކޮށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ، މިހާރުވެސް ބޮޑެތި ޖަލުތަކުގައި އެތަނެއްގެ ޖާގައަށްވުރެ %40 އިތުރަށް މީހުން ގައިދުކޮށްފައިވާ ކަމަށެވެ.
އެގޮތުން 750 މީހުންގެ ޖާގައިގެ މާފުށީ ޖަލުގެ އާބާދީ 1134ށް އަރާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މާލޭ ޖަލަކީ 150 މީހުންގެ ޖާގައިގެ ޖަލެއް ނަމަވެސް މާލޭ ޖަލުގެ އާބާދީވެސް 207ށް އަރާކަން ފާހަގަ ކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ، މި ޙާލަތުގައި ކޯޓުގެ މައްސަލަތައް އެންމެ ބާރު މިނުގައި ނުގެންދެވޭނަމަ ރިމާންޑްގައި ތިބި މީހުންގެ ޢަދަދު އިތުރުވަމުންދާނެ ކަމަށާއި، ވުމާއެކު ޖަލު ބަންދުގައިވާ ޤައިދީންގެ ތެރެއިން މިހާތަނަށް ޕެރޯލްއާއި ކްލެމެންސީ ހަމަވެފައި ތިބި ފަރާތްތަކަށް އެ ފުރުޞަތު ލަސްނުކޮށް ދޭން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައި މަޢާފު ދެއްވާފައިވާ ފަރާތްތަކުގެ ޢަދަދަށް ބެލި ނަމަވެސް، އެއީ ޖަލުގެ ތޮއްޖެހުމާ އަޅާބަލާއިރު މަދު ޢަދަދެއްކަން ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
ކްލެމެންސީ ބޯޑަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވާކަމަށާއި ޕެރޯލް އަށް އެދިފައިވާ ޤައިދީންގެ ތެރެއިން ޕެރޯލް ދީފައި ނުވުމުގެ ސަބަބުން އެތައް ޤައިދީންތަކެއް އިންތިޒާރުގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވެއެވެ.
މިހާތަނަށް ޕެރޯލްއާއި ކްލެމެންސީ ހަމަވެފައި ތިބި ފަރާތްތަކަށް ލަސްނުކޮށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ކޮމިޓީން ގޮވާލާފައިވާއިރު، މަޢާފު ދިނުމަށާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސަށް ފޯމު ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުވަންޖެހޭ ގޮތަށް ކްލެމެންސީ ބޯޑުން މިއަހަރުގެ ކުރީކޮޅުގައި ވަނީ ފާސްކޮށްފައެވެ.