މި މަހުގެ 17 ވަނަ ދުވަހު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ލިބޭ އާ މެޝިނާއެކު ދުވާލަކު ޓެސްޓް ހެދޭ މިންވަރު 600 އަށް އިތުރުވެގެންދާނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޓެސްޓް ކުރާ ޕީސީއާރު ހެދެނީ 2 މެޝިނުންނެވެ. އެއީ އައިޖީއެމްއެޗްގެ ލެބޯޓަރީގައި ހުރި މެޝިނަކާއި ފުލުހުންގެ ފޮރެންސިލް ލެބްގައި ހުރި މެޝިނެކެވެ. މި ދެ މެޝިނުން މިހާރު ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް 400 ޓެސްޓް ކުރެވޭނެކަމަށް މީގެ ކުރިން އެންއިއޯސީން ވަނީ ބުނެފައެވެ.
މި މަހުގެ 17 ވަނަ ދުވަހު ޕީސިއާރު ޓެސްޓް ހެދޭނެ އިތުރު މެޝިނެއް ރާއްޖެ ގެނެވޭކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ އާ މެޝިނާއެކު ދުވާލެއްގެ މައްޗަށް 600 އާއި 650 އާ ދެމެދު ޢަދަދެއްގެ ޓެސްޓް ހެދޭނެ ކަމަށެވެ. އެހެންކަމުން މިހާރު ދުވާލެއްގެ މައްޗަށް ހެދޭ ޓެސްޓަށްވުރެ އިތުރު 200 ނުވަތަ 250 ޓެސްޓް ހެދޭނެއެވެ.
ސަރުކާރުން ޕީސީއާރު ޓެސްޓް ހެދޭ މެޝިނެއް ގެންނަން ނިންމާފައިވާ އިރު، ރާއްޖެއަށް ޞިއްޙީ ސާމާނު އެތެރެކުރާ އެސްޓީއޯއިން ވެސް އަންނަނީ އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެސްޓީއޯއިން ޕީސީއާރު ޓެސްޓް ހަދާ މެޝިން ގެނައުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.